ޚަބަރު
ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާއަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދެންނެވުން. ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ.
ޕާކިސްތާނުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައި ވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމަށްވެސް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.