ޚަބަރު
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި ހޫނު މަރުޙަބާއާއި ބެހެއްޓެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް ފަހި ފުރުޞަތުތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިސްލާމީ އެއްބައިވަންތަކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމުގެ މައިގަނޑު އަސާސް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ވަނީ ދެ އަޚުވަންތަ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް ފުރިހަމައަށް ތައްޔާރަށް އޮތްކަން ތަކުރާރުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވޭ ފަހުމުނާމާތަކަކީ (އެމް.އޯ.ޔޫ) ދެ ޤައުމުގެ އެއްބާރުލުން އައު ހަރުފަތަކަށް ގެންގޮސްދޭނެ ހެއްކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
Deputy Prime Minister and Foreign Minister of the Islamic Republic of Pakistan, His Excellency @MIshaqDar50 pays a courtesy call on His Excellency President Dr @MMuizzu, during his State Visit. The meeting provided an opportunity to discuss bilateral relations and avenues for cooperation between the two countries. #MaldivesPakistan
— The President's Office (@presidencymv) October 21, 2026
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމަށްވެސް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.