ޚަބަރު
ޕާކިސްތާނާއެކު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ގުޅުން ބަދަހިކުރަން އައު ދޮރުތަކެއް ހުޅުވިގެންދާނެ: ރައީސް
ޕާކިސްތާނާއެކު އެމްއޯޔޫތަކުގައި ސޮއިކުރުން--
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ދެއްވި ގުޅިފައިވާ ބަޔާނުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އަދި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކުރެވޭ ދަތުރުފުޅެއް ކަމުން ވަކިން ޚާއްޞަ މުހިންމުކަމެއް ލިބިގެންވާ ދަތުރުފުޅެއް ކަމަށެވެ. މިއީ ހަމައެކަނި މާޒީގެ އެކުވެރިކަން ފާހަގަކުރުން ނޫން ކަމަށާއި، މުސްތަޤްބަލުގެ ބައިވެރިވުން ބައްޓަންކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ބޭފުޅުންގެ ދެމެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މިގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ތިމާވެށި، މަސްވެރިކަން، ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ފުލުހުންގެ ޚިދުމަތާއި ދިފާޢީ ދާއިރާ، ތަމްރީނާއި ޤާބިލުކަން އިތުރުކުރުން އަދި ފަތުރުވެރިކަމުގެ ދާއިރާއިން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދެ ޤައުމުން ވެސް ކަންބޮޑުވާ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގުޅުން ހަރުދަނާކުރުމާ މެދު ޚިޔާލު ބަދަލުކުރެވުނު ކަމަށް ވިދާޅުވިއެވެ.
"މި ފަހުމުނާމާތަކުގެ ސަބަބުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ. ނަމަވެސް އެއްބަސްވުންތަކުގެ މާނަ ފުރިހަމަވާނީ އެއިން ނަތީޖާއެއް ނެރެވުމުން"
ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މުހިންމު އެތައް ދާއިރާއަކުން 20 ފަހުމުނާމާއެއް (އެމް.އޯ.ޔޫ) ބަދަލުކުރެވިގެން ދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއްބަސްވުންތަކުގެ މާނަ ފުރިހަމަވާނީ އެއިން ޙަޤީޤީ ނަތީޖާއެއް ނެރެވިގެން ކަމަށެވެ. އެހެންކަމުން ދެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ރައްޔިތުންނަށް ފެންނަން ހުރި ފުރުޞަތުތަކަކަށާއި މާނަވީ ފައިދާތަކަކަށް ބަދަލުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މި މަސައްކަތްތައް ފެށިގެންދާނީ އިޤްތިޞާދީ އެއްބާރުލުމުގެ އައު ހަރުފަތަކުން ކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ މުޢާމަލާތްތައް 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.