Ads by Farudhun

ޚަބަރު

ރަސްމާލޭގައި ގިނައިން ދިރިއުޅޭނީ ދިވެހިންނާއި އަރަބިން: ރައީސް

ރަސްމާލޭގައި ގިނައިން ދިރިއުޅޭނީ ދިވެހިންނާއި އަރަބިން: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު "ދަ ޕްލަސް" ގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2026، 03:52

21 އޮކްޓޯބަރު 2026، 03:52

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުން އެޕާޓްމަންޓްތައް ގަތުމަށް މިހާރު ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، އެ ތަނުގައި ގިނައިން ދިރިއުޅޭނީ ދިވެހިންނާއި އަރަބި މުސްލިމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެއިން ޕްރޮޕަޓީ ގަންނަން މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުންދަނީ ގަލްފުގެ ގައުމުތަކާއި މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ ފަރާތްތަކުން ކަމަށެވެ. އަދި އެ ތަނުން ދިގު މުއްދަތަށް ވިއްކާ އެޕާޓްމަންޓްތައް ގަންނާނީ ޔަހޫދީން ކަމަށާއި، އެ ތަން ވެގެންދާނީ ޔަހޫދީން ވަޒަންވެރިވާ ތަނަކަށް ކަމަށް ބުނެ ދައްކަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އަމަލީ ގޮތުން ވެސް އެފަދަ ކަމެއް ނުހިނގާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހި ރައްޔިތުންނާއި އަރަބިންނޭ އަޅުގަނޑު ދަންނަވާނީ މިތަނުގައި ތިބޭނީ. އަރަބި އިސްލާމުން. އެނގޭތޯ؟ އެހެންވީމާ އެއްވެސް ފުރުސަތެއް އެކަމަކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

ރަސްމާލެއިން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ޖާގައެއް ނޯންނާނެކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ގާނޫނުގެ ތެރެއިން އެ ފަރާތްތަކަށް އެ ތަނުން އެއްވެސް ތަނެއް މިލްކުކުރުން ނުވަތަ ހޯދުން މަނާކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާނީ ދިވެހިންގެ އާދަކާދަތަކާއި އަގީދާއާއި ގަބޫލުކުރުންތައް ހިމާޔަތްކުރެވޭ ގޮތަށް ކަމަށާއި، އެ ކަންކަން ފުރިހަމަކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަން ސާފުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން ފަށާފައިވާ ގައުމިއްޔަތު މަޝްރޫއަކީ ދިވެހިންގެ ވަކިވަންތަކަމާއި އައިޑެންޓިޓީ ރައްކާތެރިކުރުމަށް ފެށި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސްކޫލްތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމާއި، އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތަކީވެސް އެ ސިޔާސަތުގެ ދަށުން ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައް ކަމަށެވެ. އެހެންކަމުން، ސިޔާސީ ބޭނުމަށް ބުއްދިއަށް ގަބޫލުނުކުރެވޭ ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް، އެފަދަ ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް މިފަދައިން ޔަގީންކަން ދެއްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މި މަޝްރޫއާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން އަދި ޕީއެންއެފްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރަސްމާލެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ގޮވާލައްވާފައެވެ.

އިމްރާން ވިދާޅުވީ ދިވެހި ފަސްގަނޑަށް އިހުތިރާމުކުރާނަމަ އެ އެއްބަސްވުމުގައި ރައީސް ސޮއިނުކުރައްވާނެ ކަމަށާއި، މި ހަރަކާތުގައި ޒުވާނުންނާއި ދީނީ އިލްމުވެރިންގެ ތާއީދު އޮތް ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ދިވެހި ރައްޔިތުންގެ މަސްލަހަތާއި ގައުމީ ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް، ރާއްޖެއަށް މަންފާވާނެ ގޮތެއްގައި މި މަޝްރޫއު ކުރިއަށް ގެންދިއުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450