ޚަބަރު
ޕާކިސްތާނުން ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމުން ޕީއެންސީން މަރުހަބާ ކިޔައިފި
ރައީސްއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވުން---
ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ޤައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމާ ގުޅިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެމަނިކުފާނަށާއި ސަރުކާރަށް މަރުޙަބާ ދަންނަވައިފިއެވެ.
ޕީއެންސީން ވިދާޅުވީ، މި އޮނަރަރީ ޑޮކްޓަރޭޓަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށާއި ސަރުކާރުގެ ހިންގުން ހަރުދަނާކުރައްވައި ދައުލަތުގެ މުއައްސަސާތައް އިތުރަށް ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއާއި ދިވެހިންގެ މަޞްލަޙަތު އިސްކުރައްވައިގެން އަވަށްޓެރި އަދި ދުރު ޤައުމުތަކާއެކު ތިލަފަތްހަމަ ގުޅުމެއް ބާއްވަވަމުން ގެންދެވުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށްވެސް އެ ޕާޓީން ފާހަގަކުރިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ 21 އޮކްޓޯބަރުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރައީސަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.
މި މަތިވެރި ޝަރަފު ރައީސަށް އެރުވުމަށް އެ ޔުނިވަރސިޓީން ނިންމީ، ރާއްޖޭގެ ތަރައްޤީއަށް އެމަނިކުފާނު ވެދެއްވާފައިވާ އަގުހުރި ހިއްސާއަށާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ދައްކަވަމުން ގެންދަވާ ލީޑަރޝިޕް އަދި އެކި ދާއިރާތަކުން ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިއީ އެމަނިކުފާނަށް މިފަދަ ޝަރަފެއް އެރުވުނު ދެވަނަ ފަހަރެވެ. މީގެކުރިން މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ އިސްލާމިކް ލީޑާޝިޕާއި މަދަނީ ތަރައްޤީގެ ދާއިރާއިން އެމަނިކުފާނަށް އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ އަރުވާފައެވެ.
ޕާކިސްތާނަށް ދިވެހިރާއްޖޭގެ ވެރިއަކު ޒިޔާރަތްނުކުރައްވާތާ 11 އަހަރަށްފަހު ރައީސް ޑރ. މުޢިއްޒު ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 20 އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔުމަކީ ރާއްޖެއަށް ޙާޞިލުކުރެވުނު ބޮޑު ކާމިޔާބީއެއްކަމަށްވެސް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.