ޚަބަރު
ރައީސަށް އެރުވި އޮނަރަރީ ޑޮކްޓްރޭޓަކީ ގައުމީ ހިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުން: ޕީއެންސީ
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޑޮކްޓަރޭޓް އެރުވުން - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވަމުން ގެންދަވާ އަގުހުރި އިހުލާސްތެރި މަސައްކަތްޕުޅުތަކަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކަންކަން ކަމުގައި ޕާކިސްތާނުގެ ޔުނިވަސިޓީއަކުން އެމަނިކުފާނަށް އެރުވި އޮނަރަރީ ޑޮކްޓްރޭޓުން ހާމަވެގެން ހިނގައްޖެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕާކިސްތާނުގެ މަޝްހޫރު އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އެރުވުމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރައްވައި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ކުރައްވާ މިންނެތް މަސައްކަތްޕުޅުތަކުގެ އަގު ބައިނަލްއަގުވާމީ މުޖުތަމައުން ވަޒަންކުރި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ގެންގުޅުއްވާ ހަމަހަމަ ޚާރިޖީ ސިޔާސަތުގެ ދަށުން، އެކުވެރި ދައުލަތްތަކާއެކު ބަދަހި ގުޅުމެއް ގާއިމުކުރެއްވުމުގެ ސަބަބުން ލިބިގެންދިޔަ މި ފަޚުރުވެރި ކާމިޔާބީއަކީ މުޅި ދިވެހި އުންމަތަށް ލިބުނު ބޮޑު ޝަރަފެއް ކަމަށް ވެސް އެ ޕާޓީން ފާހަގަކޮށް، ރައީސަށް ވަނީ ތަހުނިޔާ އަރިސްކޮށްފައެވެ.
މި ޝަރަފުވެރި ޕީއެޗްޑީއަކީ ރައީސް ޑރ. މުއިއްޒު ސިޔާސީ އަދި ޚާރިޖީ ދާއިރާއިން ކޮށްދެއްވާފައިވާ އަގުނުކުރެވޭ ހިދުމަތްތަކަށާއި، ގައުމީ ހިދުމަތުގައި ދައްކަވަމުން ގެންދަވާ ލީޑަޝިޕާއި، ރާއްޖޭގެ ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅުތަކަށް ދެވުނު ހައްގު ބަލައިގަތުމެކެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުއްލަވައި، ގައުމު ތަމްސީލުކޮށްދެއްވުމުގައި އެމަނިކުފާނު އަދާކުރައްވާ އިސް ދައުރުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި ޝަރަފެއްކަން ވެސް ޕީއެންސީން ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ފާއިތުވި 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ތާރީޚީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާތީ ވެރިކަންކުރާ ޕާޓީން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
ޕީއެންސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، އިސްލާމީ އުންމަތުގެ މުހިންމު ބާރެއް ކަމުގައިވާ ޕާކިސްތާނާއެކު ގުޅުންތައް މިފަދަ މަތީ ދަރަޖައަކަށް ބަދަހިވެގެން ދިއުމަކީ، އަހުވަންތަ އިސްލާމީ ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ދެއްވާ ހާއްސަ އަހައްމިއްޔަތުކަމުގެ ހާމަކަން ބޮޑު ހެއްކެއް ކަމަށެވެ.