ޚަބަރު
ޕާކިސްތާނު ސެނެޓްގެ ޗެއާމަން ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޕާކިސްތާނު ސެނެޓްގެ ޗެއާމަން ރައީސް މުޢިއްޒުގެ އަރިހަށް ޒިޔާރާތްކުރެއްވުން--
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ސެނެޓްގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގީލާނީ އެމަނިކުފާނުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހޯއްދެވުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަނީ، ދަތުރުފަތުރާއި، ތަޢުލީމާއި، ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން މުހިންމު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މިހާރުވެސް ދެމުންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ގުޅުން ބަދަހިކުރުމެވެ.
މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.