ޚަބަރު
އަމާޒަކީ 2027 ގައި ޕާކިސްތާނަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުން: ރައީސް މުޢިއްޒު
ރައީސް "ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅުދައްކަވަނީ--
އަމާޒަކީ 2027 ގައި ޕާކިސްތާނަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިޢުލާނު ކުރެއްވީ "ޕާކިސްތާން ބިޒްނަސް ފޯރަމް 2026"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމުކޮށް، ދަތުރުތައް އިތުރުކުރުމަށް އެއާލައިންތަކަށާއި، އޭވިއޭޝަން ދާއިރާގެ އިދާރާތަކަށް އަދި އަމިއްލަ ދާއިރާގެ ބައިވެރިންނަށް ބާރުއަޅުއްވާ ކަމަށެވެ. އަދި 2027 ގައި ފަށަން އަމާޒުހިފާފައިވާ މި ޚިދުމަތުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ އިޤްތިޞާދަކީ އެއް އިޤްތިޞާދު އަނެއް އިޤްތިޞާދަށް ބަރޯސާވެ، ފުރިހަމަކޮށްދޭ ދެ އިޤްތިޞާދު ކަމަށެވެ. އަދި ރާއްޖޭގެ މާކެޓަކީ ހަމައެކަނި ބައި މިލިއަން މީހުންގެ އާބާދީއެއް އެކަނި ނޫން ކަމަށާއި، އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވައި ރާއްޖޭގެ މާކެޓް ކުޑަކޮށް ވަޒަންނުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމަކަށް ވުމާއެކު، ޕާކިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ގަނެވިއްކުމުގެ އިތުރުން ކޯލްޑް-ޗޭން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކޮށްފައިވާ ގުދަންތައް އަދި ޒަމާނީ ފުޑް ޕްރޮސެސިންގ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން މަރުޙަބާ ކިޔާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ އިޤްތިޞާދުގެ މައިނާރަކީ ކަނޑުމަގުން ގުޅާލެވޭ ގުޅުން ކަމަށް ވިދާޅުވެ، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ގުޅުންތައް ޤާއިމުކުރުމަށް ދެ ޤައުމުގެ ޝިޕިންގ، ބަނދަރު އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް ރައީސް ބާރުއެޅުއްވިއެވެ.
ޞިއްޙީ ދާއިރާއިން އޮތް ފުރުސަތުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކުން ފެށިގެން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، އިތުބާރުހުރި މެޑިކަލް ސަޕްލައިތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ، ޕާކިސްތާނުގެ ފާމަސޫޓިކަލް އުފެއްދުންތެރިންނަށް އެ ފުރުސަތުތައް ހުޅުވިފައިވާ ކަމަށް ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީއާއި އަރބަން ޑިވެލޮޕްމަންޓުގެ މަޝްރޫޢުތަކުގެ ބައިވެރިންނަށް ވުމަށް ދަޢުވަތު އަރުވަމުން، ޕާކިސްތާނުގެ ކޮންސްޓްރަކްޝަން ކުންފުނިތަކާއި އިންޖިނިއަރިންގ ފަރމްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ވެސް ރައީސް ބާރުއެޅުއްވިއެވެ.