ޚަބަރު
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިސް، ނޭޝަނަލް އެސެމްބްލީގެ ރައީސް، އޮނަރަބަލް ސަރުދާރު އަޔާޒް ޞާދިޤް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށާއި، ދެ ޤައުމުގެ ޕާލަމެންޓުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޕާކިސްތާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރު އައު އުސްމިންތަކަކަށް ގެންދިއުން ކަމުގައި ވިދާޅުވިއެވެ.
ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރުދާރު އަޔާޒް ޞާދިޤްގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ރައްޔިތުންނާއި ޕާލަމެންޓް މެންބަރުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި ގިނަ ދުވަސްތަކަކަށްފަހު ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ޒިޔާރަތް ކުރެއްވުމުން އެކަމާ ނުހަނު އުފާކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވަނީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް 2026 އޮކްޓޫބަރު 20 އިން 22 އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.