ޚަބަރު
ދެން އޮތީ ފާގަތިކަމާއި ތަނަވަސްކަމުގެ ފަސްދޮޅަސް އަހަރުގެ ފެށުން: ރައީސުލްޖުމްހޫރިއްޔާ
ރައީސް "ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމަށް ފަހު، ދެން އޮތީ ފާގަތިކަމާއި ތަނަވަސްކަމުގެ 60 އަހަރު ބިނާކުރަން ފެށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ގުޅުމަކީ އަގުނުކުރެވޭ ފަދަ އިތުބާރެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ދެ ޤައުމުގެ ރައްޔިތުން ގުޅިފައިވަނީ މާތްވެގެންވާ އިސްލާމީ އަޤީދާއާއި އެކުވެރިކަމުގެ ވަރުގަދަ ގުޅުމުން ކަމަށެވެ. އަދި ދެ ޤައުމުގެ ވިޔަފާރި މާކެޓުތަކަކީ ވެސް އެއްބަޔަކު އަނެއް ބަޔަކު ދަންނަ ފަރިތަ މާކެޓުތަކެއްކަން ފާހަގަކުރައްވައި، މިހާރު ބޭނުންވަނީ ދެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއި ހިތްވަރު ކަމަށް ވިދާޅުވިއެވެ.
މި ފޯރަމަކީ ހަމައެކަނި ހެޔޮއެދުންތައް ބަދަލުކުރުމަށް ފަހު ނިންމާލާ ފޯރަމަކަށް ވެގެން ނުވާނެ ކަމަށް ބަޔާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ވިޔަފާރީގެ އައު ބައިވެރިވުންތައް އުފެދި، އިންވެސްޓްމަންޓްތައް އިތުރުވެ، ހަޤީޤީ ނަތީޖާތަކެއް ނެރެވެންޖެހޭނެ ކަމަށެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިންވެސްޓްމަންޓް އޮނިގަނޑު ހަރުދަނާކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަލުވިކޮށް، އިންވެސްޓަރުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެއިތުރުން، މި ގުޅުމަކީ ދެކޮޅަށް ވެސް ހިނގަންޖެހޭ ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހި ވިޔަފާރިވެރިން ވެސް ޕާކިސްތާނުގައި ހުރި ފުރުޞަތުތަކާ ދޭތެރޭ މިފަދަ ފުޅާ ނަޒަރަކުން ދެކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެގޮތުން މުދާ އުފެއްދުމާއި، ދަނޑުވެރިކަމާއި، ޓެކްނޮލޮޖީ އަދި ޚިދުމަތުގެ ދާއިރާއިން ޕާކިސްތާނުގައި ބޮޑެތި ފުރުޞަތުތަކެއް އެބަހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ފުރިހަމަ އިޤްތިޞާދީ ގުޅުމެއް ބިނާވަނީ ހަމައެކަނި އެއް ޤައުމުން އަނެއް ޤައުމަށް މުދާ ވިއްކުމުން ނޫން ކަމަށާއި، އެއީ ދެ ޤައުމު ގުޅިގެން ކަންކަން ބިނާކޮށް، ފުޅާކޮށް، ޙާޞިލުކުރެވޭ ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވަމުންނެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާ އެކަށޭނަ، ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިކޮށްދޭ، އަދި ދެ ޤައުމުގެ އެއްގޮތް އަގުތައް ޙިއްޞާވާ ކުރިއެރުމަކަށް ބަދަލުކޮށްދޭނެ ފަދަ ވަރުގަދަ އިޤްތިޞާދީ ބައިވެރިވުމެއް ބިނާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.