ޚަބަރު
ރާއްޖެއަކީ ގުޅިގެން ކުރިއެރުން ބިނާކުރުމަށް އޮތް ބައިވެރިއެއްގެ ގޮތުގައި ދެކުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއަކީ ހަމައެކަނި މުދާ ވިއްކުމަށް އޮތް ބާޒާރެއްގެ ގޮތުގައި ނުދެކި، ގުޅިގެން ކުރިއެރުން ބިނާކުރުމަށް އޮތް ބައިވެރިއެއްގެ ގޮތުގައި ދެކުމަށް "ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު އަރުވާ ދަޢުވަތަކީ ވަރަށް ސާދާ ދަޢުވަތެއް ކަމަށެވެ. އެގޮތުން ރާއްޖެއަކީ ހަމައެކަނި ވިޔަފާރިކުރާ މާކެޓެއްގެ ގޮތުގައި ނުދެކި، ދެޤައުމު ގުޅިގެން ކަންކަން ބިނާކުރުމުގެ ބައިވެރިއެއްގެ ގޮތުގައި ބެލުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދިވެހި ވިޔަފާރިތަކާއެކު ބައިވެރިވުންތައް ޤާއިމުކޮށް، ރާއްޖޭގައި އަލަށް އުފެދެމުން އަންނަ ސިނާއަތްތަކަށް އިންވެސްޓްކުރުމަށް ރައީސް ބާރުއެޅުއްވިއެވެ. މީގެއިތުރުން، އުފެއްދުންތަކާއި ޚިދުމަތްތައް އަދި އައު ވިޔަފާރި ޚިޔާލުތައް ބައިނަލްއަޤްވާމީ ފުޅާ ބާޒާރުތަކަށް ފޯރުކޮށްދިނުމުގައި ރާއްޖެއަކީ ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތައް ބެލުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އަޚުވަންތަ މުސްލިމް ދެ ޤައުމުގެ ހައިސިއްޔަތުން، ދުނިޔޭގެ އިސްލާމީ އިޤްތިޞާދުގެ ފުރިހަމަ ފުރުޞަތުތައް ހޯދަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޝަރީޢާ ހުއްދަކުރާ ފައިނޭންސިންގ، ޙަލާލު އުފެއްދުންތައް އަދި ޙަލާލު ފަތުރުވެރިކަމަށް މުޅި ދުނިޔޭގައި އޮތް ޑިމާންޑް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ކަމަށެވެ.
އެގޮތުން، ރާއްޖޭގެ މާލީ ދާއިރާ އާއި އިސްލާމިކް ފައިނޭންސްގެ އޮނިގަނޑުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ މާލީ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ވިޔަފާރިތައް ގުޅިގެން ޝަރީޢާ ކޮމްޕްލަޔަންޓް އިންވެސްޓްމަންޓް ވަސީލަތްތަކާއި، ޞުކޫކާއި، އިސްލާމިކް މާލީ ޚިދުމަތްތައް އަދި ޙަލާލު ވެލިއު ޗެއިންތައް ކުރިއެރުވުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
މި ދާއިރާތަކުގެ އިތުރުންވެސް، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއިންނާއި، އިންފޮމޭޝަން ޓެކްނޮލޮޖީ، ތަޢުލީމީ ދާއިރާ، ފަންނީ ޚިދުމަތްތައް އަދި އުފެއްދުންތެރި އިޤްތިޞާދުގެ ދާއިރާއިން ވެސް އިންވެސްޓްމަންޓްގެ ގިނަގުނަ ފުރުޞަތުތައް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.