Ads by Farudhun

ޚަބަރު

ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވައިފި

ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވައިފި

"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ޕާކިސްތާނުގެ ބޮޑު ވަޒީރާއި ރައީސް މުޢިއްޒު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2026، 09:29

22 އޮކްޓޯބަރު 2026، 09:29

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އިޤްތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ދެ ޤައުމުގެ ވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދެއްވާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ޝުކުރު އަދާކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު ބާބަކަށް ގެންދިއުމަށް މަގުދައްކައިދޭ މުހިންމު ކަންކަން ފާހަގަކުރެއްވި ކަމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އަދިވެސް ބޭނުންނުކުރެވި ގިނަ ފުރުޞަތުތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އިއްޔެ ޕާކިސްތާނުގެ ބޮޑުވަޒީރާއެކު އެއްބަސްވެވަޑައިގެންނެވި ކަމަށާއި، މިއަދު ބޭއްވުނު ފޯރަމަކީ އެ އަމާޒަށް ވާޞިލުވުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގައި ހުރި ފަހި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް ރައީސް މުޢިއްޒު ވަނީ ދަޢުވަތު އަރުވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް މި ޢަޒުމުގެ ސަބަބުން ބިނާކުރަނިވި ގުޅުންތަކެއް އުފެދި، އިންވެސްޓްމަންޓްތައް އިތުރުވެ، ދެ ޤައުމަށްވެސް އޭގެ ޙަޤީޤީ ފައިދާ ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.



ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހި އެކުވެރިކަން ރަމްޒުކޮށްދޭ، ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިކޮށްދޭ، އަދި ދެފަރާތުގެ ތަނަވަސްކަމާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭނެ ވަރުގަދަ އިޤްތިޞާދީ ބައިވެރިކަމެއް ބިނާކުރުމަށް ގޮވާލައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450