ޚަބަރު
މުއައްސަސާތައް ޖަވާބުދާރީކުރުވުމުގައި ހަރުދަނާ އެކައުންޓިންގ ނިޒާމެއްގެ ދައުރު ބޮޑު: މާލީ ވަޒީރު
ް، މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު--
ދައުލަތުގެ ހަޒާނާއިން ހޭދަކުރެވޭ ކޮންމެ ލާރިއަކީވެސް އެންމެ މަތީ ދަރަޖައިގެ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭ އެއްޗަކަށް ވާންޖެހޭކަމަށް، މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދައުލަތުގެ މާލިއްޔަތުގެ ކޮންމެ ރުފިޔާއަކީ ވެސް ފުރިހަމަ ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެކެވެ. އެގޮތުން، ދައުލަތުން ކުރާ ކޮންމެ އިންވެސްޓްމަންޓެއްގެ މާލީ ހިސާބުތައް ސައްހަކަމާއެކު ބެލެހެއްޓުމާއި، ކޮންމެ މުއައްސަސާއަކީ ވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ޖަވާބުދާރީވާ ތަނަކަށް ވާންޖެހޭ"
ވަޒީރު ވިދާޅުވިއެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ހަމައަށް ދާއިރު، ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު އަމާޒު ކަމަށެވެ. އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި، އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާ، ހަރުދަނާ މާލީ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ، އަދި ޑިޖިޓަލް ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމަށް އިސްކަންދޭ އިގްތިސާދެއް ބިނާކުރުން މުހިންމު ކަމަށާއި، މި ހުރިހާ ކަމެއްގެ ބިންގަލަކީ އިތުބާރުހުރި މުއައްސަސާތަކާއި ސައްހަ މާލީ މައުލޫމާތު ކަމުގައި ވިދާޅުވިއެވެ.
އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުރުން ރެގިއުލޭޓަރުންގެ އިތުބާރު ދެމިއޮންނާނީ ދެފުށް ފެންނަ، ތެދު މާލީ ރިޕޯޓިން ނިޒާމެއްގެ މައްޗަށް ކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ހަރުދަނާ އެކައުންޓިން އަދި އޮޑިޓިން މިންގަނޑުތަކުގެ ސަބަބުން، ޓެކުހުގެ ގާނޫނުތަކަށް އަމަލުކުރުން އިތުރުވެ، ނޭދެވޭ މުއާމަލާތްތައް ދެނެގަނެވި، ޓެކުހަށް މަކަރުހެދުމުގެ ދޮރުތައް ބަންދުވެގެންދާނެ ކަމަށެވެ. އަދި އޮޑިޓްގެ ފެންވަރު ހިފެހެއްޓުމާއި، މިނިވަންކަމާއި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓެވުމަށް އެދިވަޑައިގެންނެވިއެވެ.
ސީ.އޭ މޯލްޑިވްސްއިން ފަށާފައިވާ 'އެކައުންޓަންޓްސް އިން ބިޒްނަސް' ރަޖިސްޓްރީ ކުރުމުގެ މަސައްކަތާއި ދަރިވަރުންނަށް ހުޅުވާލި ފުރުސަތުތަކުގެ ސަބަބުން މި ދާއިރާއަށް ޒުވާނުން ނެރުމަށް ބާރަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ އެނަލިޓިކްސް، އޮޓޮމޭޝަން އަދި ސަސްޓެއިނަބިލިޓީ ރިޕޯޓިން ފަދަ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ޓެކްނޮލޮޖީ ކިތަންމެ ކުރިއަރައިދިޔަ ނަމަވެސް އިންސާނީ ތަޖުރިބާއިން ނިންމާ ފަންނީ ނިންމުންތަކާއި، ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމަކީ އެހެން ވަސީލަތަކުން ބަދަލުނުކުރެވޭނެ އަސާސްތަކެއް ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދައުލަތުން ކުރާ ކޮންމެ ހަރަދަކާއި އިންވެސްޓްމަންޓަކީ ދުރާލާ ފުރިހަމައަށް ދިރާސާކުރެވި، އޭގެ މަންފާ ކަށަވަރުކުރެވިފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް ގޮވާލެއްވިއެވެ. އަދި ސީ.އޭ މޯލްޑިވްސްގެ ކުރީގެ ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން އެ އިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަވާކަން ހާމަކުރައްވައި ފޯރަމްގެ ބައިވެރިންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.