ޚަބަރު
އިންޓަރކަލްޗަރަލް ޑައިލޮގް ފޯރަމްގައި ވަޒީރު ހީނާ ވާހަކަފުޅު ދައްކަވަނީ
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު---
އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބާއްވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމް ކުރިއަށްދަނީ 2026 އޮކްޓޫބަރު 27 އިން 29 ގެ ނިޔަލަށް "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމަކީ ދޭދޭ ސަގާފަތްތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމު އިތުރުކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ އެއްބާރުލުން ކުރިއެރުވުމަށްޓަކައި އެކި ގައުމުތަކުގެ ވަޒީރުންނާއި ސަގާފީ ދާއިރާގެ މާހިރުން، އިލްމީ ބޭފުޅުން، ދީނީ އިލްމުވެރިން އަދި ޒުވާނުންގެ މަންދޫބުން އެއްތަންވާ މުހިންމު ފޯރަމެކެވެ.
ވަޒީރު ހީނާ ވަލީދު މި ފޯރަމްގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ފޯރަމްގެ ފުރަތަމަ ދުވަހުއެވެ. ވަޒީރު ވާހަކަފުޅު ދައްކަވާނީ މި ފޯރަމްގެ ހަވާސާގައި ބާއްވާ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ ހައި-ލެވެލް 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ޖޮއިންޓް ސެޝަންގައެވެ.
މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ، މި ޒަމާނުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފައިގެން ސަގާފީ މަޝްވަރާތައް ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
"ބާކޫ ޕްރޮސެސް" ގެ ތެރެއިން ކުރިއަށްދާ މި ފޯރަމަކީ ސަގާފީ ތަފާތުކުރުންތަކާއި، އިޖުތިމާއީ ގޮތުން އެކަހެރިވުމާއި، އައު ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމަލީ މަސައްކަތްތަކެއް ކުރުމުގެ މަގުސަދުގައި ބައިނަލްއަގުވާމީ ޖަމުޢިއްޔާތައް ވެސް ބައިވެރިވެގެން ކުރިއަށްގެންދާ ފޯރަމެކެވެ.
މި ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ބައިނަލްއަގުވާމީ މަންސައެއްގައި ހާމަކޮށް، ދުނިޔޭގެ އެކި ގައުމުތަކާއި ޖަމުޢިއްޔާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.