ޚަބަރު
ބާރަށު ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި
ބާރަށުގައި ޒަމާނީ ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކުރުން. ފޮޓޯ: އެމްޓީސީސީ
ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ މުއްދަތަކަށެވެ.
ހއ.ބާރަށް ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދު އެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) October 27, 2026
މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް:
މި މަޝްރޫޢުގެ ދަށުން ބާރަށު ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމުގެ އިތުރުން ނެރުފައިކަށި ޤާއިމުކުރުމާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި އުޅަނދުފަހަރަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ރޭމްޕެއް އެޅުމާއި، ކުދި ޑިންގީތައް އެޅުމަށް ޚާއްޞަ ކޮންކްރީޓް ޖެޓީއެއް ޤާއިމުކުރުން ވެސް ހިމެނެއެވެ.
މީގެއިތުރުން ބަނދަރުގެ ރައްކާތެރިކަމަށްޓަކައި ގްރޮއިން ޖެހުމާއި، ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓް ޖެހުމާއި، ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށް މޫރިންގ ބޯއީ، ބަނދަރު ބައްތި އަދި ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.