ޚަބަރު
ފަގީރުކަން ވަޒަންކުރަންވާނީ ހަމައެކަނި ލިބޭ އާމްދަނީގެ މިންވަރަށް ބަލައިގެންނެއް ނޫން: ޑރ. ފުއާދާ
ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔޫ.އެސް.އައި.އެމް) ގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ޖޯހަރީ
ފަގީރުކަން ވަޒަންކުރަންވާނީ ހަމައެކަނި ލިބޭ އާމްދަނީގެ މިންވަރަށް ބަލައިގެން ނޫން ކަމަށާއި، ކުއްލިއަކަށް ކުރިމަތިވާ މާލީ ލޮޅުންތަކުން އާއިލާތައް ފަގީރުކަމުގެ ތެރެއަށް ވެއްޓިގެން ދިޔަ ނުދިނުމަށްޓަކައި މާލީ ގޮތުން ނާޒުކު ހާލަތްތަކުގައިވާ ގޭބިސީތައް ދުރާލާ ދެނެގަންނަން ޖެހޭކަމަށް ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާ (ޔޫ.އެސް.އައި.އެމް) ގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ޖޯހަރީ ވިދާޅުވެއްޖެއެވެ.
ޑރ. ފުއާދާ މިފަދައިން ގޮވާލެއްވީ މިއަދު ފެށި އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ފުރަތަމަ ސެޝަނުގެ ކީނޯޓް ސްޕީކަރުގެ ހައިސިއްޔަތުން، މާލީ ގޮތުން އަލަށް ފާހަގަކުރެވެމުންދާ ނާޒުކު ހާލަތްތައް ދެނެގަނެ، ވަކި އަމާޒަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމެއްގެ ގޮތުގައި ޒަކާތުގެ ދައުރު ވަރުގަދަކުރުމުގެ މައްޗަށް ދެއްވި ތަގުރީރުގައެވެ. "ނާޒުކު ޙާލަތްތަކުގެ އައު މޫނު: ޒަމާނީ މާލީ އިޤުތިޞާދުތަކުގައި، މުޖުތަމަޢުގެ ނިޒާމުތަކަށް އަންނަ ލޮޅުންތަކުން، ޢާއިލީ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރާ ގޮތް" މި މައުޟޫއަށް ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވީ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ސިއްހީ ކުއްލި ހާލަތްތަކާއި، ވަޒީފާ ގެއްލުމުގެ ސަބަބުން، ގަވާއިދުން އާމްދަނީ ލިބުނު ކަމުގައި ވިޔަސް މާލީ ރިޒާވެއް ނެތް އާއިލާތަކުގެ ހަމަޖެހުން ކުއްލިއަކަށް ގެއްލިގެންދާ ކަމަށެވެ.
ޑރ. ފުއާދާ ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ އިގްތިސާދުތަކުގައި އާއިލާއެއްގެ ކޭޝް ފްލޯއަށް ވަގުތީ ގޮތުން އަންނަ ހުއްޓުމެއްގެ ސަބަބުން ވެސް ކުއްލިއަކަށް މާލީ ބޮޑު ކާރިސާއަކަށް އެކަން ބަދަލުވެގެން ހިނގައިދާނެއެވެ. ދިގު މުއްދަތަކަށް އަސާސީ ކަންކަމުން މަހްރޫމްވެގެންދާ "ދާއިމީ ފަގީރުކަމާއި"، ކުއްލިއަކަށް ކުރިމަތިވާ ލޮޅުމަކުން މާލީ ދަތިކަމުގެ ތެރެއަށް ވެއްޓޭ "ކުއްލި ނާޒުކު ހާލަތް" ތަފާތުކަން ބަޔާންކުރައްވަމުން އޭނާ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަގީރު ހާލަތުގައި ދިރިއުޅޭ 1.1 ބިލިއަން މީހުންނާއި، މޫސުމީ ނުރައްކާތަކަށް ހުށަހެޅިފައިވާ 887 މިލިއަން ފަގީރުންގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެހެންކަމުން ޒަކާތުގެ އިދާރާތަކުން މިހާރު ފަގީރު ހާލަތުގައި ތިބި މީހުންގެ އިތުރުން، ދަތި ހާލަތަކަށް ވެއްޓުމުގެ ނުރައްކާ އޮތް ގޭބިސީތަކަށްވެސް ސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޒަކާތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކީރިތި ގުރުއާނުގެ ތައުބާ ސޫރަތުގެ 60 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ޝަރުއީ ހަމަތަކަށް ރިއާޔަތްކުރަންޖެހޭކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ ހަމައެކަނި ނާޒުކު ހާލަތެއް މެދުވެރިވުމަކީ އޮޓޮމެޓިކުން ޒަކާތް ހައްގުވާނެ ސަބަބެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޒަކާތް ހައްގުވާ ފަގީރުންނާއި މިސްކީނުންގެ ތެރެއިން ކުއްލި މާލީ ލޮޅުންތައް އަރާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދެވިދާނެ ކަމަށާއި، ޒަކާތް ހައްގުނުވާ ފަރާތްތަކަށް ސަދަގާތާއި، ވަގުފް އަދި ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ އެހީ ފޯރުކޮށްދެވިދާނެ ކަމަށް ވިދާޅުވިއެވެ.
މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ޝަހަރުތަކުގެ ފަގީރުކަމާ ގުޅޭގޮތުން 23,553 ފަރާތެއްގެ ޑޭޓާއާއި 396 ގޭބިސީއެއްގެ ސާވޭގެ މައްޗަށް ހަދާފައިވާ ދިރާސާއަކަށް އަލިއަޅުއްވާލައްވަމުން، ޑރ. ފުއާދާ ވަނީ "ހައްދުލް ކިފާޔާ" ގެ މިންގަނޑު ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިއީ އެންމެންނަށް އެއް އާމްދަނީގެ މިންގަނޑަކަށް ބެލުމުގެ ބަދަލުގައި، އާއިލާގެ ސައިޒާއި، ސިއްހީ ހާލަތާއި، ދިރިއުޅޭ ސަރަހައްދުގެ ހަރަދުތަކަށް ބަލައިގެން ފުދުންތެރިކަން ވަޒަންކުރާ މިންގަނޑެކެވެ. މީގެއިތުރުން، ވަކި ކަންކަމަށް ހަރަދު ނުކުރުމަކީ އެ ބޭނުމެއް ފުދިފައިވުން ނޫން ކަމަށާއި، އެއީ ފައިސާ ނެތުމުގެ ސަބަބުން ބޭސްފަރުވާއިން ނުވަތަ ކާބޯތަކެތިން މަހްރޫމުވެފައިވުން ކަމަށްވެސް ވެދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ތަގުރީރު ނިންމަވާލައްވަމުން ޑރ. ފުއާދާ ވަނީ ނާޒުކު ހާލަތްތަކަށް ހުށަހެޅޭ މިންވަރާއި، އަސަރުކުރާ މިންވަރު އަދި ވިލުންވެރިކަމުގެ މައްޗަށް ބިނާކޮށް ކުރިއާލާ ދެނެގަންނަ "އަރލީ ވޯނިންގ" ނިޒާމަކާއި، ތިން ފަށަލައިގެ ރައްކާތެރިކަމުގެ ވިއުގައެއް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި ރައްކާތެރިވުމުގެ ގޮތުން ބޭނުންތައް ދުރާލާ ވަޒަންކުރުމާއި، ހިމާޔަތްދިނުމުގެ ގޮތުން އަމާޒުކުރެވިގެން ދެވޭ ޒަކާތާއި ތަކާފުލް ފަދަ އެހީތައް ވިލަރެސްކުރުމުގެ އިތުރުން، ފަގީރު ހާލަތުން އަރައިގަތުމަށްޓަކައި ވަޒީފާއާއި ހުނަރު ތަރައްގީކުރުމާއި ދެމެހެއްޓެނިވި އާމްދަނީގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.