ޚަބަރު
ޗައިނާގެ ބާޒާރަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމަށް މިފްކޯއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި
ޗައިނާގެ ބާޒާރަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމަށް މިފްކޯއިން އެމްއޯޔޫއެއްގައި ސޮއިކުރުން. ފޮޓޯ: މިފްކޯ
ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރާއްޖޭގައި މިއަދު ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސްއެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯއެވެ.
މި ފަހުމުނާމާގެ ދަށުން ޗައިނާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނެއެވެ. މީގެ ތެރޭގައި މަހުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން މަސް ފޯރުކޮށްދޭ މައިގަނޑު ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވާއިރު، ސައިނޯމެކް ހައިނާންއިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ވިޔަފާރީގެ ފުރުޞަތުތައް ހޯދައިދިނުމަށެވެ. މީގެ އިތުރުން، ފުރަތަމަ މަރުޙަލާގެ ދިރާސާތަކަށާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިޢާޔަތްކުރުމަށްފަހު، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.