ޚަބަރު
ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވެ ރައްކާތެރިވުމަށް އިލްތިމާސެއް
މާލެއަށް ވައިނުސަފުވެފަ. ފޮޓޯ: މެންދުރު
ރާއްޖޭގެ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވުމުގެ ސަބަބުން، ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ އެކަމަށް ރައްކާތެރިވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން އިއްޔެ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ، ހުޅަނގު އުތުރުގެ ވަޔާ ގުޅިގެން މި ސަރަހައްދުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ވައި ސާފު ދުވަސްވަރު 10 ކިލޯމީޓަރަށް ވުރެ ދުރަށް ފެންނަ ނަމަވެސް، ފާއިތުވި 48 ގަޑިއިރު ތެރޭގައި އުތުރުގެ އަތޮޅުތަކުން ފެންނަ މިންވަރު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ވައިގެ ފެންވަރު ދަށްވެފައިވާ މި ހާލަތު ކުރިއަށް އޮތް ފަސް ދުވަހަށް ދެމިހުންނާނެއެވެ. އަދި މިކަމުގެ އަސަރު ޚާއްސަކޮށް އުތުރުގެ ސަރަހައްދުތަކަށް ބޮޑަށް ކުރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ. މި އިރުޝާދު ނެރެފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މާފަރާއި ހުޅުލޭގެ މޮނިޓަރިން ޑޭޓާއިން ޕާޓިކިއުލޭޓް މެޓަރ (ޕީއެމް 2.5) ގެ މިންވަރު މަތިވެފައިވާކަން ދައްކާފައިވާ ދަނޑިވަޅެއްގައެވެ.
ދުރު ފެންނަ މިންވަރު މަދުވާ މި ދުވަސްވަރު ކަނޑުމަގުންނާއި އެއްގަމު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ސަލާމަތީ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.