ޚަބަރު
މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި
މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުން.
މޯލްޑިވްސް ޒަކާތު ހައުސްގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް އެކުލަވައިލި ފުރަތަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2026-2028) މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ތިން އަހަރު ދުވަހުގެ މި މަގުޗާޓު އިފްތިތާޙުކޮށްފައިވަނީ މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައި މިއަދު ފެށި ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް، "އިންޒެކް 2026" ގެ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މި ޕްލޭނަކީ ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް ފުޅާކުރުމުގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވައިލެވިފައިވާ ޚާއްޞަ އޮނިގަނޑެކެވެ. މައިގަނޑު ހަތަރު ސްޓްރެޓީޖިކް ދާއިރާއަކަށް އިސްކަންދީގެން އެކުލަވައިލާފައިވާ މި ޕްލޭނުގައި، ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަމާއި، އަދި ދަސްކުރުމާއި ކުރިއެރުން ހިމެނޭހެން ޖުމްލަ ނުވަ ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ވަނީ ކަނޑައަޅާފައެވެ.
އިދާރީ ހިންގުމުގައި ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޢާންމުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ހިންގުމުގެ އުސޫލުތަކާއި މާލީ ރިޕޯޓުތައް ގަވާއިދުން ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މާކެޓިންގ އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ޒަރީޢާއިން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ މަދުވެގެން 25 އިންސައްތައަށް ވާސިލުވުމަށާއި، އަލަށް އަމިއްލައަށް އިސްނަގައިގެން ޒަކާތް ދައްކާ ފަރާތްތަކުގެ ނިސްބަތް 20 އިންސައްތަ އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މީގެ އިތުރުން، މުދަލު ޒަކާތް ލިބޭ މިންވަރު އަހަރަކު 10 އިންސައްތަ އިތުރުކުރުމަށް ލަނޑުދަނޑި ކަނޑައަޅާފައިވާއިރު، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށްދާއިރު ލިބޭ ޖުމްލަ ޒަކާތުގެ މަދުވެގެން 25 އިންސައްތައަކީ ކުންފުނިތަކާއި ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެހީ ކަމުގައި ހެދުމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށްޓަކައި "ދާރުލް އަރުޤަމް" އަދި "ދާރުއްސަލާމް" ފަދަ ވަޤުފް ރިއަލް އެސްޓޭޓް މަޝްރޫޢުތައް ތަރައްޤީކުރުމަށްވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.
އުފެއްދުންތެރި ޒަކާތާއި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
ޒަކާތުގެ އެހީ ހަމައެކަނި ވަގުތީ ބޭނުންތަކަށް ދިނުމުގެ ބަދަލުގައި، އެހީ ލިބޭ ފަރާތްތައް އަމިއްލަ ފައިމައްޗަށް ތެދުވެ ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި އުފެއްދުންތެރި ޒަކާތުގެ މޮޑެލްއަށް ބަދަލުވުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން، ދިގު މުއްދަތަކަށް އެހީ ލިބޭ ފަރާތްތަކުގެ ތެރެއިން 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ ނިސްބަތެއްގެ ބަޔަކު، 2028 ވަނަ އަހަރުގެ ނިޔަލަށް އަމިއްލަ ފުދުންތެރިކަން ހޯދައި، ކުރިއަށްއޮތް ތަނުގައި ޒަކާތް ދައްކާ ފަރާތްތަކަކަށް ބަދަލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޒަކާތު ހައުސްގެ މުހިންމު ލަނޑުދަނޑިއެކެވެ.
ޒަކާތު ހައުސްގެ އެތެރޭގެ ހިންގުމާއި ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ މައިގަނޑު މަސައްކަތްތަކެއް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކުރުމަށާއި، 2028 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް ޚިދުމަތް ދިނުމަށް ހޭދަވާ ވަގުތު 30 އިންސައްތަ ކުޑަކުރުމަށް ވަނީ ނިންމާފައެވެ. އަދި ޒަކާތު ހައުސްގެ މައި އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ އިތުރުން، ޔުނިވަރސިޓީތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ދިރާސާތައް ފުޅާކުރުމަށްވެސް މި ޕްލޭނުގައި ވަނީ ކަނޑައަޅާފައެވެ.