ޚަބަރު
އިޖުތިމާޢީ ޢަދުލުވެރިކަން ގާއިމުކުރުމުގައި ޒަކާތުގެ ދައުރުގެ މުހިއްމުކަން ވަޒީރު ޝަހީމް ފާހަގަކުރައްވައިފި
އަލްފާޟިލާ އާޝިޔާ ޞާލިޙްވަނީ ވަޒީރުގެ ޚިޠާބް އިއްވަވައިދެއްވުން. ފޮޓޯ: ޒަކާތް ހައުސް
ފަޤީރުކަން ނައްތާލުމަށާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޒަކާތުގެ ނަފާ އިތުރުކުރުމަށް ޓަކައި، ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި، ދެފުށްފެންނަ ގޮތަށް ޒިންމާދާރުކަމާއެކު ކަންކަން ބެލެހެއްޓުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލިއަޅުއްވާލައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުން ވަޒީރު ޑރ. ޝަހީމަށް މިއަހަރުގެ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސަށް ހާޒިރުވެވަޑައިނުގެންނެވުނު ނަމަވެސް ވަޒީރުގެ ފަރާތުން އިންޒެކް 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޒަކާތު އޮފިސަރ އަލްފާޟިލާ އާޝިޔާ ޞާލިޙްވަނީ ވަޒީރުގެ ޚިޠާބް އިއްވަވައިދެއްވާފައެވެ.
ވަޒީރުގެ ޚިޠާބުގައި، ޒަކާތަކީ ހަމައެކަނި މާލީ ފަރުޟެއް ނޫންކަން ފާހަގަކުރައްވައި، އެއީ އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި، ފަޤީރުކަން ފިލުވުމަށާއި، އެއްބައިވަންތަކަން އާލާކުރުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ޒަކާތަކީ ނިކަމެތިންގެ ކަރާމާތް ރައްކާތެރިކޮށްދީ، މުޖުތަމަޢުގެ މެދުގައި އޯގާތެރިކަން ބަދަހިކޮށްދޭ އެއްޗެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިންނާއި ޒިންމާދާރު މުއައްސަސާތައް މެދުވެރިކޮށް ރާއްޖޭގެ ޤައުމީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް އުފެއްދެވުމާއި ޒަކާތުގެ ޤާނޫނު އެކުލަވާލެވިގެން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަކާތް އޭގެ ޙައްޤުވެރިންނަށް ފަސޭހަކަމާއި އިންޞާފުވެރިކަމާއެކު ފޯރުކޮށްދީ، އެމީހުންގެ ދިރިއުޅުމަށް މާނަހުރި ހެޔޮ ބަދަލެއް ގެނެސްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޒަކާތުގެ ފައިސާއަކީ މާތް ﷲ ގެ ޙަޟްރަތުގައި އޮތް އަމާނާތަކާއި ޒިންމާއެއްކަން ފާހަގަކުރައްވައި، ޒަކާތުގެ އިދާރީ ހިންގުމުގައި އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހަރުދަނާ ނިޒާމަކާއި، އިސްލާމީ އުޞޫލުތަކަށް ފުރިހަމައަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށް ޑރ. ޝަހީމް އަލިއަޅުއްވާލެއްވިއެވެ. އަދި ޢާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި މި ޒިންމާ ފުރިހަމައަށް އަދާކުރުމަށް ޓަކައި ދެފުށްފެންނަ ގޮތަށް ކަންކަން ކުރުމާއި ޒިންމާދާރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިމާވާ ޢާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި ޢިލްމުވެރިންނާއި ޒަކާތާ ގުޅޭ މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާތައް ޙިއްޞާކޮށް، ގުޅުން ބަދަހިކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމް މުޖުތަމަޢުތަކަށް ފައިދާކުރާނެ ޢަމަލީ ޙައްލުތަކެއް ހޯދުމަށާއި، ގުޅިގެން މަސައްކަތްކުރުމަށް ދެމެހެއްޓެނިވި ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގެ ގޮތުގައި 'އިންޒެކް' ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮންފަރެންސްގެ ބައިވެރިންނަށާއި، މި އިވެންޓް އިންތިޒާމުކުރި މޯލްޑިވްސް ޒަކާތު ހައުސްއަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ފަޤީރުކަން ނައްތާލުމަށާއި، އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި، އެންމެ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒަކާތުގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި މި ކޮންފަރެންސަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.