ޚަބަރު
އޭޝިއާ-ޕެސިފިކް އޯޝަން ވީކްގައި ރާއްޖެއިން ބައިވެރިވެއްޖެ
އޭޝިއާ-ޕެސިފިކް އޯޝަން ވީކް. ފޮޓޯ: މޫސުމާއި ބެހޭ ވުޒާރާ
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށްދާ "އޭޝިއާ-ޕެސިފިކް އޯޝަން ވީކް" ގައި ރާއްޖޭގެ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.
މި ހަފުތާގައި ބާއްވާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުން އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކުގެ މަންދޫބުންނާ އެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގައި ހުރި އެންމެ ރަނގަޅު އުސޫލުތަކާއި ކާމިޔާބު ތަޖުރިބާތައް އެއްބަޔަކު އަނެއްބަޔަކާ ޙިއްޞާކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން، ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ޙިމާޔަތްކުރުމަށް ޓަކައި އެޅިދާނެ ހަރުދަނާ ސްޓްރެޓެޖީތަކާއި ސިޔާސަތުތައް އެކަށައެޅުމުގައި ސަރަޙައްދީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މި ބައްދަލުވުމުގެ ތެރެއިން މަގުފަހިވެގެންދާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ރާއްޖެއަކީ ބޮޑުބައެއް ކަނޑު އެކުލެވިގެންވާ ޤައުމަކަށްވުމާއެކު، ކަނޑުތަކުގެ ރައްކާތެރިކަމަށް ކުރެވޭ މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ނުހަނު މުހިންމު ކަމެކެވެ.