ޚަބަރު
ބޭރުގެ މަޝްރޫއުތަކުގައި މައިގަނޑު 8 ކަމެއް ކަށަވަރުކުރުމަށް ސަލަފުން އިލްތިމާސްކޮށްފި
ފޮޓޯ: ޖަމްޢިއްޔަތުއްސަލަފް
ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
ޖަމްޢިއްޔަތުއްސަލަފުން މިފަދަ އިލްތިމާސެއް ސަރުކާރަށް ކޮށްފައި މިވަނީ، ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރިކަން ފާޅުކުރަމުންދަނިކޮށް، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން އެ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކުރިތާ 1 މަސް ފަހުންނެވެ.
ޖަމްޢިއްޔަތުއްސަލަފުން ނެރެފައިވާ އިލްތިމާސްގެ ލިޔުމުގައި ބުނެފައި ވަނީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ބާއްވައިގެންނާއި، އަދި އެހެނިހެން ގޮތްގޮތުން ހޯދި މަޢުލޫމާތުތަކުން އެނގުނު ގޮތުގައި، މި މަޝްރޫޢަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ދިވެހި ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ރިއަލް އެސްޓޭޓް އުޞޫލުން ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ދޫކުރުމަށް ރޭވިފައިވާ މަޝްރޫޢެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޖަމްޢިއްޔަތުއްސަލަފުން ކޮށްފައިވާ އިލްތިމާސްގައި ފާހަގަކޮށްފައިވާ 8 ނުކުތާގެ ލިސްޓު:
- އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުން
- ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ޙިމާޔަތްކުރުން
- އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
- ދިވެހިރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުން
- ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުން
- ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުން
- ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުން
- އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން
ސަރުކާރަށް ކޮށްފައިވާ އިލްތިމާސްގައި، ދިވެހިރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ޤައުމުގެ އިސްލާމީ ވަންތަކަމާއި، ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގޭ މިފަދަ މަޝްރޫޢަކުން، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ “އިޒްރޭލު”ގެ ރައްޔިތަކަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލާފައެވެ. އަދި އެއްބަސްވުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު، އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނިޓަރކޮށް، ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ދިވެހި ސަރުކާރަށް ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރައްވާފައިވާ ގޮތުގައި ރަސްމާލޭގެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަގީންވެގެންދާނީ މަޝްރޫޢުގެ އެއްބަަސްވުން އެކުލަވާލެވި، ކަމާބެހޭ ގާނޫނު ވުޖޫދުވުމުންނެވެ.