ދުނިޔެ

ހުޅަނގު އައްސޭރިއަށް އަރައިގަނެ އަލްޖަޒީރާގެ ނޫސްވެރިޔަކު އިސްރާއީލް ސިފައިން ހައްޔަރުކޮށްފި

ހުޅަނގު އައްސޭރިއަށް އަރައިގަނެ އަލްޖަޒީރާގެ ނޫސްވެރިޔަކު އިސްރާއީލް ސިފައިން ހައްޔަރުކޮށްފި

އިސްރާއިލް ސިފައިން ހައްޔަރުކުރި ނޫސްވެރިޔާ. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2026، 10:32

03 ނޮވެމްބަރު 2026، 10:32

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ގެއަކަށް އިސްރާއީލުގެ ސިފައިން ރޭގަނޑު ދަޅައިގައި ވަދެގަނެ، އަލްޖަޒީރާ އެރަބިކްގެ މުރާސިލް މުންތަސިރު ނައްޞާރު ހައްޔަރުކޮށްފިއެވެ.

ނައްޞާރު ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ޚަލީލް (ހެބްރޮން) ކައިރީގައި އޮންނަ ދޫރާ އަވަށުގައި ހުންނަ އޭނާގެ ގެއަށް އިސްރާއީލު ސިފައިން ވަދެގަތުމަށްފަހުގައެވެ. އޭނާ ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއިން ދައްކާ ގޮތުގައި، ލޯ ބަންދުކޮށް އަދި ބިޑިއަޅުވައިގެން ސިފައިންގެ އަސްކަރީ ވެހިކަލަކަށް އޭނާ އަރުވައިގެން ގެންދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދޫރާ އަވަށުން އިސްރާއީލު ސިފައިން ހިންގި މި އޮޕަރޭޝަންގައި ނައްޞާރުގެ އިތުރުން ފަލަސްތީނުގެ 13 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، އެމީހުން ގެންދިޔައީ ކޮން ތަނަކަށް ކަން ހާމަނުކުރާ ސިއްރު މަރުކަޒަކަށެވެ. މީގެ ކުރިން، 2023 ޑިސެމްބަރު 29 ވަނަ ދުވަހު ވެސް ދޫރާ އަވަށުގައި މަސައްކަތް ކުރަމުން ދަނިކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އިސްރާއީލު ސިފައިން ވަނީ ނައްޞާރަށާއި އޭނާގެ ކެމެރާމަނަށް އަނިޔާކޮށް ޒަޚަމްކޮށްލާފައެވެ.

ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ހިންގާ ހަމަލާތައް
މިއީ އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ހިންގި މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ ކުރިން، 2024 ވަނަ އަހަރުގެ މާރިޗު މަހު ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަށް އަރައިގަތް ވަގުތު ވެސް އިސްރާއީލު ސިފައިން ވަނީ އަލްޖަޒީރާގެ މުރާސިލް އިސްމާއީލް އަލް-ޣޫލް އާއި އޭނާގެ ކެމެރާ ޓީމު އަނިޔާވެރިކޮށް ހައްޔަރުކޮށް، ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން ބަންދުކޮށްފައެވެ. (އިސްމާއީލް އަލް-ޣޫލް ފަހުން ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ).

މީގެ އިތުރުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަތިޔާރު އަޅައިގެން ތިބި އިސްރާއީލު ސިފައިން ވަނީ ރާމަﷲ ގައި ހުންނަ އަލްޖަޒީރާގެ ބިއުރޯއަށް ވަދެގަނެ، ލައިވް ބްރޯޑްކާސްޓް ހުއްޓުވައި އޮފީސް ބަންދުކުރުމަށް އަސްކަރީ އަމުރެއް ނެރެފައެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 އޮކްޓޫބަރު 7 ގެ ފަހުން ފަލަސްތީނުގެ 110 އަށް ވުރެ ގިނަ ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިން އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ގިނަ ނޫސްވެރިން ބަންދުކޮށްފައި ތިބީ އެއްވެސް ދައުވާއެއް އުފުލުމަކާ ނުލައި އިދާރީ ބަންދުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450