ޚަބަރު
އެކަނިވެރި މައިންބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެހީގެ ބަޖެޓު ސަރުކާރުން ބޮޑުކޮށްފި
އެކަނިވެރި މައިންބަފައިންނާއި ނުކުޅެދުނތެރިކަން ހުންނަ ފަރާތްތަކަށް އެހީ ބޮޑު ކުރުން - ފޮޓޯ: ސަންގު ނިއުސް
ދައުލަތުގެ ބަޖެޓުން އެކި ފަރާތްތަކަށް ފޯރުކޮށްދެމުން އަންނަ މާލީ އެހީތެރިކަމުގެ ތެރެއިން، މުޖުތަމަޢުގެ އެންމެ ޚާއްޞަ އަޅައިލުން ބޭނުންވާ އެކަނިވެރި މައިންބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެހީގެ މިންވަރު އަންނަ އަހަރުގެ ބަޖެޓުގައި ބޮޑުތަނުން އިތުރުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވައިލާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، އަމިއްލަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އެހީތަކަށް ޖުމްލަ 1.09 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ 2026 ވަނަ އަހަރު މި ދާއިރާއަށް ހިމެނި 302.2 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 261 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެކަނިވެރި މައިންބަފައިންނަށް އެހީވުމަށް ޚާއްޞަކޮށްގެން 212.6 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. ހިނގަމުންދާ އަހަރުގެ ބަޖެޓުގައި މި ބަޔަށް ކަނޑައަޅާފައިވަނީ 189.3 މިލިއަން ރުފިޔާ ކަމަށްވާތީ، މިއީ ގާތްގަނޑަކަށް 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 700 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއަހަރު އެ ފަރާތްތަކަށް ހޭދަވާނެ ކަމަށް ލަފާކުރާ 662.7 މިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިއީ 6 އިންސައްތައިގެ އިތުރުވުމެއް ކަމަށް ބަޖެޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެކަނިވެރި މައިންބަފައިންނަށް ދައުލަތުން ދެމުން އަންނަ ޢިނާޔަތްތަކަކީ އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދެމުން އަންނަ މުހިންމު އެހީތަކެކެވެ.
މި އެހީތައް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުން މި ފަރާތްތަކަށް ދޭ މާލީ އިނާޔަތްތައް ސަރުކާރުން ވަނީ މީގެކުރިން ވެސް ރިވިއުކޮށް ބޮޑުކޮށްދެއްވާފައެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މުޖުތަމަޢުގެ އެންމެ ނިކަމެތި، އަދި ހަވާސާވެފައިވާ ފަރާތްތަކަށް އެކަށީގެންވާ އަޅައިލުމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އެއްވެސް ރައްޔިތަކު ބާކީނުކުރުމެވެ.