ޚަބަރު
ދަރިއަށް ޖިންސީ ގޯނާކުރަން މަގުފަހިކޮށްދިން މަންމަގެ 18 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ސުޕުރީމް ކޯޓް - ފޮޓޯ: ޕީއެސްއެމް
އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމަށް ހިތްވަރުދީ، އެކަމަށް ފުރުސަތު ފަހިކޮށްދިން މައްސަލައެއްގައި ކުއްޖާގެ މަންމަ 18 އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިއެވެ.
މި މައްސަލައަކީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްމަތިން މީހަކު ލައްވައި އޭނާގެ އަންހެން ދަރިފުޅާ މެދު ޖިންސީ އަމަލު ހިންގުވައި، އެކަމަށް ވާގިވެރިވެދިން މައްސަލައެކެވެ. މި މައްސަލައިގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 2016 ވަނަ އަހަރު އޭނާގެ މައްޗަށް ދެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. އެއީ އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވުމުގެ ކުށާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ނުކުރުމުގެ ކުށެވެ. އެ ކުށްތަކުގެ އަދަބެއްގެ ގޮތުން އޭނާ 18 އަހަރާއި ހަ މަހަށް ޖަލަށްލުމަށް އެ ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް، އެ ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، 2018 ވަނަ އަހަރު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް އޭނާ މިނިވަންކޮށްފައެވެ. ހައި ކޯޓުން އެގޮތަށް ނިންމީ ޝަރީއަތުގެ ލިޔުންތައް އޭނާއަށް ރައްދުވިކަން ކަށަވަރުނުވާތީ ދިފާއުވުމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނެ އަދި ރިޕޯޓު ނުކުރި މައްސަލައިގެ އެކަށީގެންވާ ތަހުގީގެއް ނުހިންގާ ދައުވާ އުފުލާފައިވާ ކަމަށް ބަލައިގެންނެވެ.
ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށެވެ. އެގޮތުން، މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މައްސަލައަކަށް ވުމުން، ލިޔުންތައް ހަވާލުކުރި ކަމުގެ ރަސްމީ ރެކޯޑެއް ނެތް ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި އެފަދަ އެއްވެސް ޝަކުވާއެއް އޭނާ ކޮށްފައި ނުވާކަން ކޯޓުން ފާހަގަކުރިއެވެ. އަދި ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައިވުމުގެ އިތުރުން، ދައުލަތުން ހުށަހެޅި މެޑިކަލް ރިޕޯޓްތަކާ ގުޅިގެން ހެކިންނާ އޭނާ އަމިއްލައަށް ސުވާލުކޮށްފައިވާތީ، ޝަރީއަތުގެ ލިޔުންތައް އޭނާއަށް ލިބިފައިވާކަން ސާފުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކުއްޖާއަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ ސިއްރުކުރި މައްސަލައިގައި ފުލުހުން އޭނާއާ ސުވާލުކޮށްފައިވާކަން ބަޔާނުން އެނގެން އޮތް ކަމަށާއި، ދަރިފުޅަށް ގޯނާކުރާކަން އެނގިހުރެ އެކަން ސިއްރުކުރި ކަމަށް ތަހުގީގުގައި އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާތީ އެ ދައުވާ އުފުލާފައިވަނީ ރަނގަޅަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ލިޔުއްވި މި ރައުޔަށް، ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއީދު ކުރައްވާފައެވެ.
އެންމެ މަތީ ކޯޓުގެ މި ނިންމުމާ ގުޅިގެން، 2018 ވަނަ އަހަރު ހައި ކޯޓުގެ ހުކުމާއެކު މިނިވަންވި އަންހެން މީހާ، ކުޅުދުއްފުށީ ކޯޓުން އިއްވި 18 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްޓަކައި އަލުން ޖަލަށް ދާން ޖެހޭނެއެވެ.