Ads by Farudhun

ޚަބަރު

އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ - ޝަހީމް

އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ - ޝަހީމް

ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު - ފޮޓޯ: އެކިއެމްވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ނޮވެމްބަރު 2026، 12:40

07 ނޮވެމްބަރު 2026، 12:40

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓެއްގައި އެއް ޖިންސުން ގުޅުން ހިންގާ ދެމީހެއްގެ މެދުގައި ކައިވެނީގެ ރަސްމިއްޔާތެއް ބޭއްވި މައްސަލައެއް ފެންމަތިވެފައިވަނިކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މި މައްސަލައާ ގުޅިގެން ޙިއްޞާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ކަމާގުޅޭ އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ރަސްމީކޮށް ތަޙުޤީޤުކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިދިޔަ ބުދަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާނެ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.



ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، މި ޤައުމުގެ މަތިވެރި އިސްލާމީ އުޞޫލުތަކާއި ސަޤާފަތް ފުނޑުފުނޑުކޮށްލުމަށް ބަޔަކު ކުރާ މިފަދަ މަސައްކަތްތަކުން ޤައުމު ސަލާމަތްކުރުމުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ކަމަށެވެ.

މި މައްސަލަ ފެންމަތިވެގެން ދިޔައީ، ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުންގެ މެދުގައި ރަމްޒީ "ކައިވެނީގެ" ހަފުލާއެއް ބާއްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. އެއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ މައްސަލަ ބަލައި ތަޙުޤީޤުކުރަން ފަށާފައެވެ.

ފުލުހުން ވިދާޅުވީ، އެއް ޖިންސުން ކައިވެނިކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތައް ދަންނަ އަދި ހުއްދަކުރާ ކަމަކަށް ނުވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. މީގެއިތުރުން، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވުމާއެކު، އިސްލާމީ ޝަރީޢަތުގެ އަސާސްތަކާއި، ދިވެހި މުޖުތަމަޢުގެ އަޚްލާޤީ އަދި އިޖުތިމާޢީ މިންގަނޑުތަކާ ފުށުއަރާ މިފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ ހަރުކަށިކޮށް އަންގާފައެވެ.

ޚާއްޞަކޮށް، ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނާއި ދިވެހިންވެސް މިފަދަ ޤާނޫނާ ޚިލާފު ކަންކަން ހިންގުމަށް އެއްބާރުލުން ނުދިނުމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހިމާޔަތްކޮށް، ދީނީ ޤައުމީ ވަންތަކަން ރައްޔިތުންގެ ހިތްތަކުގައި އަށަގެންނެވުމަށެވެ. އެގޮތުން އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ މުޖުތަމަޢުގައި ވަރުގަދަކުރުމަށާއި، އިސްލާމީ އަޚްލާޤާއި އަސާސްތަކަށް ބޯލަނބާ ޖީލެއް ބިނާކުރުމަށްޓަކައި ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ދަނީ މުހިންމު އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ޤައުމުގެ އިސްލާމީ އުޞޫލުތަކާއި ސިޔާދަތަށް އުނިކަން އަންނަ އެއްވެސް ޢަމަލަކަށް ޖާގަ ނުދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން މި ސަރުކާރުން ތަކުރާރުކޮށް ދެއްވަމުން ގެންދަވާއިރު، އިސްލާމްދީނުގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި މި ސަރުކާރު ފަސްނުޖެހޭނެކަން ވަނީ ސާބިތުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450