ޚަބަރު
އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު އިންތިޚާބުވެވަޑައިގެންފި
ޑރ ޝެހެނާޒު - ފޮޓޯ: އެމްއެމްޓީވީ
ދުނިޔޭގެ ޔުނިވަރސިޓީތަކުގެ މައި ޖަމްޢިއްޔާ، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒު އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ.
ޑރ. ޝެހެނާޒު މި މަޤާމަށް ހޮވިވަޑައިގެންނެވީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ މާޑޮކް ޔުނިވަރސިޓީގައި މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވި އައިއޭޔޫގެ 17 ވަނަ ޢާންމު ޖަލްސާގެ ތެރެއިން ކުރިއަށްދިޔަ އިންތިޚާބުގައެވެ. މިއީ 2026 އިން ފެށިގެން 2030 ގެ ނިޔަލަށް ހިނގާނެ 4 އަހަރުގެ ދައުރެކެވެ.
ޔުނެސްކޯގެ ބެލުމުގެ ދަށުން 1950 ވަނަ އަހަރު އުފެއްދި އައިއޭޔޫ އަކީ 120 އަށް ވުރެ ގިނަ ޤައުމުގެ ގާތްގަނޑަކަށް 600 މަތީ ތަޢުލީމުދޭ މުއައްސަސާ ތަމްސީލުކުރާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ވިއުގައެވެ. އެ ޖަމްޢިއްޔާގެ މައިގަނޑު ސިޔާސަތުތަކާއި އިސްތިރާތީޖީ މިސްރާބުތައް ކަނޑައަޅާ އެޑްމިނިސްޓްރޭޓިވް ބޯޑުގައި ޖުމްލަ ހިމެނެނީ 22 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުން އިންތިޚާބުކުރެވޭ 20 އިސްވެރިންގެ އިތުރުން، ޖަމްޢިއްޔާގެ ރައީސާއި މަޤާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ދެ މެންބަރުންނެވެ.
މި އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޑރ. ޝެހެނާޒު ވިދާޅުވީ، މިއީ ކުރެއްވި އިތުބާރަށްޓަކައި ލިބުނު ފަޚުރެއް ކަމަށާއި، މި ޒިންމާއާ ޙަވާލުވެވަޑައިގަންނަވަނީ އައިއޭޔޫގެ މަސައްކަތްތަކުގައި މާނަހުރި ދައުރެއް އަދާކުރެއްވުމުގެ ޢަޒުމުގައި ކަމަށެވެ. އަދި މި ފުރުޞަތުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދައުރު ދުނިޔޭގެ ފެންވަރުގައި ފުޅާވެ، ދަރިވަރުންނާއި މުވައްޒަފުން އަދި ދިރާސާވެރިންނަށް ބައިނަލްއަޤްވާމީ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ޑރ ޝެހެނާޒު ފާހަގަކުރެއްވިއެވެ.
އެމްއެންޔޫއިން ވިދާޅުވި ގޮތުގައި މިއީ މުޅި ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ. މީގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ތަޢުލީމީ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ދުނިޔޭގެ މަތީ ތަޢުލީމުގެ ނިންމުންތަކުގައި ބައިވެރިވުމުގެ މަގު ފަހިވެގެންދާނެއެވެ.
އެމްއެންޔޫގެ ތާރީޚުގައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާ ކަމަށްވާ ޑރ. ޝެހެނާޒަކީ، ތަޢުލީމީ އަދި ޚާރިޖީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޤާބިލު ބޭފުޅެކެވެ. ހިސާބު ޢިލްމުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވައިގެން ހުންނެވި ޑރ. ޝެހެނާޒު ވަނީ މީގެކުރިން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަޤާމާއި، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރުގެ މަޤާމުގެ އިތުރުން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ޑރ. ޝެހެނާޒު ހޯއްދެވި މި މަތިވެރި ކާމިޔާބީ ފާހަގަކޮށް، ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.