ޚަބަރު
ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފި
ކަސްޓަމްސް އިމާރާތް - ފޮޓޯ އެމްއެމްޓީވީ
ޕޯސްޓާއި ކޫރިއާގެ ޚިދުމަތް ބޭނުންކޮށްގެން ދެ ފަހަރެއްގެ މަތިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3.15 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން، ރާއްޖެއިން ބޭރުން ގެނައި ޕާރުސަލްތަކެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން އަތުލައިގަނެވުނު ދެ ޝިޕްމެންޓުގައިވެސް ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އެވެ.
މި މައްސަލައިގައި ފުރަތަމަ ޝިޕްމެންޓް އަތުލައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރިއިރު، އޭގައި ޝައްކުކުރެވޭ ޒާތުގެ މާއްދާއެއް ހުރިކަން ފާހަގަކުރެވިގެން އިތުރަށް ތަހުލީލުކުރުމުގެ ތެރޭގައެވެ. މި ޕެކޭޖުން 2.12 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މީގެ އިތުރުން، އޮކްޓޯބަރު 31 ވަނަ ދުވަހު ކޫރިއާ މެދުވެރިކޮށް ގެނައި އިތުރު ޕެކޭޖެއް ވީއައިއޭއިން ބަލައިފާސްކުރުމުގެ ތެރޭގައި ވެސް ވަނީ މި ބާވަތުގެ މަސްތުވާތަކެތި ހުރި ޝިޕްމެންޓެއް އަތުލައިގެންފައެވެ. މި ދެ އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.15 ކިލޯ ހުރި ކަމަށް ކަސްޓަމްސްގެ ރަސްމީ މީސްމީޑިއާ މަންސަތަކުގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ ސިންތެޓިކް ޑްރަގްގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕޯސްޓަލް އަދި ކޫރިއާ ޚިދުމަތްތައް މެދުވެރިކޮށް މިފަދަ ނުރައްކާތެރި ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.