ޚަބަރު
ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ
ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާއިން ރާއްޖެއަށް ބައިނަލްއަގުވާމީ ޝަރަފު - ފޮޓޯ: އެމްއެމްޓީވީ
ދިވެހިރާއްޖޭގެ އަސާސީ ސިއްހީ ހިދުމަތް (ޕްރައިމަރީ ހެލްތު ކެއާ) ގެ ނިޒާމު އަލުން ދިރުވައި، ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ ކާމިޔާބު މަސައްކަތްތަކުގެ އަގުވަޒަންކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ފަހުރުވެރި އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.
ރާއްޖެއަށް މި ޝަރަފު ލިބުނީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން ކުރިއަށްގެންދިޔަ ހާއްސަ މަޝްރޫއުގެ ދަށުން، 'އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު' (އޭ.އޭ.އޭ.އެޗް) ކޮންފަރެންސްގައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން 174 ފަރާތެއް މި އެވޯޑަށް ވާދަކުރިއިރު، މުޅި ކޮންފަރެންސްގައި މި އެވޯޑު އެރުވީ އެންމެ ހަތަރު ގައުމަކަށެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަހުމަދު އަޝްރަފް މައުލޫމާތު ދެއްވި ގޮތުގައި މި ކާމިޔާބީގެ މައިގަނޑު އަސާސަކީ ފާފު އަތޮޅުގައި ކާމިޔާބުކަމާއެކު ހިންގި ޕައިލެޓް ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގެ ކާމިޔާބީއަށްފަހު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
މި މަޝްރޫއުގެ ދަށުން ސިއްހީ މުވައްޒަފުން ތަމްރީނުކުރުމުގެ ފުރަތަމަ މަރުހަލާ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން އެންމެ ފަހު ތަމްރީނުތައް އޮކްޓޫބަރު 2026 ގައި ގއ. އަތޮޅުގައި ނިންމާލާފައިވާއިރު، ބަލިމީހުންގެ މައުލޫމާތާއި ސްކްރީނިން ރެކޯޑުތައް ޑިޖިޓަލްކޮށް ބެލެހެއްޓުމަށް "ޑީއެޗްއައިއެސް2" ސޮފްޓްވެއާ ބޭނުންކުރަން ވަނީ ފަށާފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގައިންގަޔަށް ނާރާ ބަލިތަކަށް 37،038 މީހުން ވަނީ ސްކްރީން ކޮށްފައެވެ. އަދި އާބަން ސަރަހައްދުތަކުގައި މި ހިދުމަތް ފުޅާކުރުމަށް، ދަމަނަވެށީގެ އިތުރުން މާފަންނުގައި "އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ" 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވައި، މިހާރު ދަނީ ހިދުމަތް ދެމުންނެވެ.
މީގެއިތުރުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް އަހަރަކު އެއްފަހަރު ހިލޭ މެޑިކަލް ސްކްރީނިން ހެދުމުގެ ފުރުސަތު ދިނުމާއި، ކުރިމަގުގެ ޖީލުތައް ދުންފަތުން ރައްކާތެރިކުރުމަށް "ޖެނެރޭޝަނަލް ބޭން" ސިޔާސަތުގެ ދަށުން 5 އަހަރުގެ ގައުމީ ކެމްޕޭނެއް ސަރުކާރުން ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހަކުރުބައްޔާއި ލޭމައްޗަށްދިއުން ފަދަ ގައިންގަޔަށް ނާރާ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަން ކުރިއާލައި ދެނެގަނެ، ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުވިޔަ ނުދީ، ކޮންމެ މީހަކަށްވެސް އަމިއްލަ ރަށުން ފަސޭހައިން އަސާސީ ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި އެވޯޑަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.