ޚަބަރު
ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައި، އެސްޓީއޯ ރޭޓުގައި ތެޔޮ ދޫކުރަން ފަށައިފި
ދަނގެތީގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވުން - ފޮޓޯ: ވަގުތު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސްވެރިންނާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ އައު ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމް ގުޅިގެން ދަނގެތީގައި ތަރައްޤީކުރި މި ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ، މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ރަޝީދު (އަވަސް) އެވެ. މި ރަސްމިއްޔާތުގައި ދަނގެތީ ކައުންސިލްގެ މެންބަރުންނާއި، އެ ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް ބައިވެރިވިއެވެ.
އެފްއެސްއެމުން ހާމަކުރި ގޮތުގައި، މި ފިއުލް ސްޓޭޝަނުން ޚިދުމަތް ދޭން ފެށުމާއެކު ވެރިރަށް މާލެއިން ތެޔޮ ވިއްކާ އަގުގައި (އެސްޓީއޯ ރޭޓުގައި) ދަނގެތިން ވެސް މަސްވެރިންނަށާއި އާންމުންނަށް ޑީސަލް ލިބެން ހުންނާނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވައި، އަތޮޅުތަކުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން މި ސްޓޭޝަނުގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރަށާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ވެސް ފަސޭހަކަމާއި އަގުހެޔޮކޮށް ތެޔޮ އެޅުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
މި ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު، މެންބަރު ޢަބްދުﷲ ރަޝީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަށާފައިވާ މަސައްކަތުގައި މިއަދަކީ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މިއީ ސަރަޙައްދުގެ މަސްވެރިންނަށާއި އިޤްތިޞާދީ އެކި މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މެންބަރު ފާހަގަކުރެއްވި ގޮތުގައި، މި ޝެޑުގެ ސަބަބުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ވަގުތާއި ފައިސާ ސަލާމަތްވެގެންދާނެއެވެ. އަދި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބެން ފެށުމަކީ ރައްޔިތުން މީގެ ކުރިން ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހިފައި އޮތް އޮތުމަށް ލިބުނު ދާއިމީ ހައްލެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޢިއްޒަށާއި އެސްޓީއޯ އަދި އެފްއެސްއެމްގެ މެނޭޖްމަންޓަށް މެންބަރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.