ޚަބަރު
މަސްވެރިންގެ ދުވަހާ ގުޅިގެން ހާއްސަ ކުރެހުމުގެ މުބާރާތެއް ބާއްވަނީ
މަސްވެރިންތަކެއް ކަނޑުމަތީގައި.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މުބާރާތުގެ ޝިޢާރަކަށް ކަނޑައަޅާފައި ވަނީ "މަސްވެރިކަމުގެ ޞިނާޢަތް ސިންދަފާތު ކުރުމަށް ޒުވާނުންގެ ބައިވެރިވުން" މިއެވެ. މި ޝިޢާރުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގެ މުސްތަޤުބަލަށް ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރުމެވެ.
މި މުބާރާތަށް ހުށަހަޅާ އާޓްވޯކްތައް މައިގަނޑު ތިން ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. އެއީ:
- 12 އަހަރުން ދަށުގެ އުމުރުފުރާ
- 12 އަހަރުން މަތީގެ އުމުރުފުރާ
- ބައިނަލްއަޤްވާމީ ބައިވެރިންގެ ދާއިރާ
އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ދާއިރާއިން ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް ޚާއްޞަކުރަން ޖެހެނީ ރާއްޖޭގެ މަސްވެރިކަމުގެ ޘަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައިނަލްއަޤްވާމީ އަދި ބޭރުގެ ނަޒަރަކުން ބަލައި، އެ ކަންކަން ރަމްޒުކޮށްދޭ ގޮތަށެވެ.
މި މުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދާއިރާއަކުންނާއި އާޓްވޯކްތަކުގެ ކޮންމެ ބާވަތަކުން ވަކިންނެވެ. އަދި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. އަދި މުބާރާތަށް ހުށަހަޅާ އާޓްވޯކްތައް ޑިސެމްބަރު މަހުގެ 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ ވުޒާރާއާ ޙަވާލުކުރަން ޖެހޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.