ޚަބަރު
ޔަހޫދީންރާއްޖެ އައުން މަނާކުރަން ރާއްޖެއިން އެޅި ފިޔަވަޅުތައް އިސްރާއީލުގެ ސަމާލުކަމަށް
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން އެއްވެސް ޝަރުތަކާ ނުލައި ދާއިމީކޮށް މަނާކުރުމަށާއި، ރާއްޖޭގައި އިންވެސްޓް ނުކުރެވޭ ގޮތަށް ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއެކު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އިސްރާއީލާއި ދުނިޔޭގެ މީޑިއާތަކުގެ ފާޑުކިޔުމާއި ސަމާލުކަން އަމާޒުވެއްޖެއެވެ.
ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން ވަނީ ގާނޫނީ ގޮތުން ދެ މުހިންމު ފިޔަވަޅެއް އަޅަން ނިންމައި މަޖިލީހަށް ހުށަހަޅާފައެވެ. އެއީ އިމިގްރޭޝަން ގާނޫނަށް ގެންނަ ބަދަލާއި، ރިއަލް އެސްޓޭޓް ބިލަށް ގެންނަ އިސްލާހެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ދަށުން، އެއްވެސް ޝަރުތަކާ ނުލައި އިސްރާއީލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މުތުލަގަށް މަނާވާނެ ކަމަށެވެ. މީގެ ކުރިން އޮކްޓޫބަރު 7، 2023 ގެ ގަތުލުއާންމު ހުއްޓާލުމާ ހަމައަށް އެތެރެވުން މަނާކުރަން ނިންމި ނަމަވެސް، މިހާރު މަޖިލީހަށް ފޮނުވާފައިވާ ބިލުގައި އެއްވެސް މުއްދަތެއް ނެތި ވަނީ ދާއިމީކޮށް އެކަން މަނާކޮށްފައެވެ. މީގެއިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން (ޑުއަލް ޕާސްޕޯޓުގައި) ރާއްޖެ އެތެރެވާން މަސައްކަތްކުރާ އިސްރާއީލު މީހުންނަށް ވެސް ރާއްޖޭގެ ދޮރުތައް ބަންދުވާނެއެވެ.
ދެވަނަ ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ ދަށުން ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން މުދާ ގަތުމާއި، ބިން ސަބްލީޒް ކުރުމުގެ ފުރުސަތު އިސްރާއީލުގެ ރައްޔިތުންނަށާއި، އެ ގައުމުގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަށް މުޅިން ހުއްޓުވައިލެވޭނެއެވެ.
ރާއްޖޭގެ މި ފިޔަވަޅުތަކުގެ ޚަބަރުތައް އިސްރާއީލުގެ ސަރުކާރުގެ ނުފޫޒު އޮންނަ "ދަ ޖެރުސަލަމް ޕޯސްޓް" އިން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އެ ނޫހުގައި ބުނެފައިވަނީ، އިސްރާއީލާ ދެކޮޅަށް ރާއްޖެއިން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ކުރިއަށްގެންދާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ރަސްމީކޮށް ވަދެފައިވާކަން އެ ނޫހުން ފާހަގަކުރިއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުން، އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚުތުންގެ ދިފާއުގައި ވަކާލާތުކުރުމަކީ ދީނީ ގޮތުންނާއި ގައުމީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދިވެހި ދައުލަތުން ދެކޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވި ފަދައިން، ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ފަލަސްތީނުގެ ހައްގުގައި ކަމަށް ރައީސް މުއިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.