Ads by Farudhun

ޚަބަރު

ހިމަބިހި ޖެހޭ މިންވަރު ދަށަށް، މިދިޔަ ހަފްތާގައި ރިޕޯޓްކުރީ އެންމެ ކޭސްއެއް

ހިމަބިހި ޖެހޭ މިންވަރު ދަށަށް، މިދިޔަ ހަފްތާގައި ރިޕޯޓްކުރީ އެންމެ ކޭސްއެއް

ހިމަ ބިހި ޖެހިފައިވާ ކުއްޖެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ނޮވެމްބަރު 2026، 10:15

13 ނޮވެމްބަރު 2026، 10:15

ނިމިދިޔަ ހަފްތާގައި ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓްކުރި އަދަދު ކުރީ ހަފްތާއާ އަޅާބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން މި ބައްޔަށް ފައްސިވެގެން ރިޕޯޓްކޮށްފައިވަނީ އެންމެ މީހެކެވެ. އޭގެ ކުރީ ހަފްތާގައި ތިން މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި ފެނުނު ކޭސްއާއެކު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 291 އަށް އަރައިފައެވެ. ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައެޅި ނަމަވެސް، 2020 އަދި 2023 ވަނަ އަހަރު ވެސް މި ބަލީގެ ބައެއް ކޭސްތައް ފެނިފައިވެއެވެ. ނަމަވެސް އެ ދެ ފަހަރާ އަޅާބަލާއިރު މިއަހަރު ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ސިއްހީ އިދާރާތަކުން ކުރިއަށްގެންދާއިރު، މިހާތަނަށް ޖުމްލަ 17،524 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގެ މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެސް ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީންނުވާ ފަރާތްތަކާއި، ބަލިޖެހިފައިވާ މީހަކާ އެއްތާވި މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ޔޫޕީއެޗްސީސީ (ދަމަނަވެށި)، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ، އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި ބަލިމީހަކާ ގާތުން އެއްތާވި މީހުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލާއި ދަމަނަވެށިން ވަކި ވަގުތުތަކެއްގައި ވެކްސިން ޖަހައިދެމުންދެއެވެ.

ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ، ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މިއީ ޕެރަމިކްސޯ ވައިރަސް އާއިލާގެ "މޯބިލިވައިރަސް" ގެ ވައްތަރެކެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މި ބަލީގެ ނުރައްކާ އޮވެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450