ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދޭނަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، ތަޢުލީމީ ދާއިރާއިންނާއި ވަޒީފާގެ މާޙައުލުން ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ތެރެއިން އާއިލާއަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
މި ބައްދަލުވުމުގައި އެ އާއިލާއިން ވަނީ، އަޑުއިވުމުން މަޙްރޫމްވެފައިވާ ތިން ކުދިން ބަލައިބޮޑުކުރުމުގައި އެ އާއިލާއަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެ އާއިލާގައި ހިމެނެނީ ގްރޭޑް 7 ގައި ކިޔަވަމުންދާ އެއްމާބަނޑު ދެ ކުދިންނާއި، މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ކުއްޖެކެވެ.
ބެލެނިވެރިން ފާހަގަކުރި ގޮތުގައި، ގްރޭޑް 7 ގައި ކިޔަވާ ދެ ކުދިން އުޅޭ ކްލާހުގައި 30 އެއްހާ ކުދިން ތިބުމުގެ ސަބަބުން، އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމަށް މުދައްރިސުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. އަދި ކުރިއަށް އޮތީ ސާނަވީ ތަޢުލީމުގެ މުހިންމު އަހަރުތައް ކަމަށްވާއިރު، މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޚާއްޞަ ވަސީލަތްތައް ބައެއް ސްކޫލްތަކުގައި ޤާއިމުކުރެވިފައި ހުރި ނަމަވެސް، ގިނަ ސްކޫލްތަކުގައި އެ ވަސީލަތްތައް ނެތުމުގެ ކަންބޮޑުވުން އެ އާއިލާއިން ފާޅުކުރިއެވެ.
މީގެއިތުރުން، އެ ކުދިން ބޭނުންކުރާ އަޑުއިވޭ ޑިވައިސްތަކަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބެން ނުހުންނާތީ، އަވަށްޓެރި ޤައުމުތަކުން އެތަކެތި ހޯދަން ޖެހޭ ކަމަށާއި، މިކަމަށް އެދި އެންސްޕާއަށް ހުށަހެޅުމުން ވެސް އެހީތެރިކަން ލިބިފައިނުވާ ކަމަށް ބެލެނިވެރިން ބުންޏެވެ. ހަމައެއާއެކު، އާއިލާގެ އެންމެ ދޮށީ އަންހެން ދަރިފުޅަކީ އޯލެވެލް އަދި ސީ4 ފުރިހަމަކޮށް، މިހާރު ޑިގްރީއަށް ކިޔަވަމުންދާ ކުއްޖެއް ނަމަވެސް، އަޑުއިވުމާއި ވާހަކަދެއްކުމުގައި ހުރި ދަތިތަކުގެ ސަބަބުން ވަޒީފާއެއް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ވެސް އެ އާއިލާއިން ރައީސަށް ދެންނެވިއެވެ.
މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާއިލާއިން ފާހަގަކުރި ކަންކަމަކީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަންތައްތަކެއް ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، މުޖުތަމަޢުގެ އެންމެންނަށްވެސް ހަމަހަމަ ފުރުޞަތުތައް ފަހިވެފައި އޮތުން ކަމުގައި ވިދާޅުވިއެވެ.
މި އަމާޒަށް ވާޞިލުވުމަށްޓަކައި، އަންނަ އަހަރު ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ، ދިވެހި މުޖުތަމަޢުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވެސް އެއްވެސް ދަތިކަމެއް ނެތި، އެމީހުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ޞިއްޙީ، ތަޢުލީމީ އަދި އެހެނިހެން ޚިދުމަތްތައް ވެސް ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.