ޚަބަރު
މާލެއާއި ތިލަފުއްޓާ ދެމެދު ކޮންޓެއިނަރު އުފުލުމަށް ފީއެއް ނަގަން ފަށައިފި
އެމްޕީއެލް ޕޯޓުގައި ހުރި ކޮންޓެއިނަރުތަކެއް. ފޮޓޯ: އެމްޕީއެލް
މާލޭ ކޮމާޝަލް ހާބަރާއި ތިލަފުށި ކާގޯ ޓާމިނަލާ ދެމެދު ކޮންޓެއިނަރު ބަދަލުކުރުމަށް އައު ފީތަކެއް ތައާރަފުކޮށް، މިއަދުން ފެށިގެން އެ ފީތައް ނަގަން ފަށައިފިއެވެ.
މި ބަދަލު ގެނެސްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުން އަންނަ ޕޯޓް މައިގްރޭޝަން ޕްރޮޖެކްޓްގެ ދަށުންނެވެ.
އެމްޕީއެލުން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން 20 ފޫޓުގެ ކޮންޓެއިނަރެއް ދެ ބަނދަރު ދެމެދު ބަދަލުކުރުމަށް 1،500 ރުފިޔާ ނަގާއިރު، 40 ފޫޓުގެ ކޮންޓެއިނަރަކަށް ނަގާނީ 3،000 ރުފިޔާއެވެ. މި ފީތައް ނަގަން ފެށުމާ ގުޅޭ މައުލޫމާތު ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް ކުރިން ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ބަދަލަކީ ތިލަފުށީގައި ޕޯޓުގެ ޚިދުމަތްތަކާއި އޮޕަރޭޝަންތައް ފުޅާކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓާއި ގުޅިގެން، ކޮންޓެއިނަރު ބަދަލުކުރުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް އެމްޕީއެލުން ބުންޏެވެ. ޕޯޓް މައިގްރޭޝަން ޕްރޮޖެކްޓަކީ މާލޭ ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ކާގޯ ޚިދުމަތްތައް މަރުހަލާތަކަކަށް ބަހާލައިގެން ތިލަފުއްޓަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއެކެވެ.
އެމްޕީއެލުން ފާހަގަކުރި ގޮތުގައި، މި އައު އުސޫލުގެ ސަބަބުން ތިލަފުށީގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މުދާ އަވަހަށް އަދި ރައްކާތެރިކަމާއެކު ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ބަދަލާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެމްޕީއެލްގެ ކަސްޓަމާ ސާވިސްއާ ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.