ޚަބަރު
ހިންނަވަރުގައި ފެން ބޮޑުވެ، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފި
ހިންނަވަރުގައި ފެން ބޮޑުވެފައިވާ މަގެއްގެ މަތިން މީހަކު ސައިކަލު ދުއްވަނީ / ފޮޓޯ: އެންޑީއެމްއޭ
ޅ. ހިންނަވަރަށް މިއަދު ފަތިހުން ފެށިގެން ބޯކޮށް ވާރޭވެހި، ރަށުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމުގެ ގޮތުން ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، ހިންނަވަރަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމަށެވެ. އެހެންކަމުން، މި ހާލަތު އިތުރަށް ގޯސްވެ ބޮޑު ކާރިސާއަކަށް ބަދަލުވިޔަ ނުދިނުމަށްޓަކައި، ކައުންސިލްގެ އިސްނެގުމުގެ މަތިން ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމާއި، ޕަމްޕު ބޭނުންކޮށްގެން މަގުތަކުން ފެންހިއްކުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ. އަދި ހާލަތު އޮތްގޮތުން އިތުރު އެހީތެރިކަން ބޭނުންވާތީ، ސިފައިން (އެމްއެންޑީއެފް) ގެ އެހީތެރިކަން އެ ރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ފެން ވަންނަމުންދާ ގޭގެ ރައްކާތެރިކުރުމަށް ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އެންޑީއެމްއޭ
ހިންނަވަރުގައި ފެންބޮޑުވާ މައްސަލައާ ގުޅޭގޮތުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށްފަހު އެކަށީގެންވާ ގޮތެއްގައި ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ މިފަދަ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ބިންގަނޑު ހަރުވެ، މަގުތަކުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައިވާ ކަމަށާއި، ކުޑަ ވަގުތުކޮޅަކަށް ވާރޭ ވެހިލިޔަސް ބޮޑެތި މަގުތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ފެން ހިންދުމާއި ގެއްލުން ކުޑަކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.