ޚަބަރު
ފުލުހުންގެ ތަމްރީނުތަކުގައި 'އިޙްތިރާމް' ވަކި މޮޑިއުލެއްގެ ގޮތުގައި ހިމެނުމަށް ނިންމައިފި
ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު. ފޮޓޯ: ފުލުހުން
ގައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާއި ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުގައާއި، ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް ނިންމަވާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަޙްމަދު މުޙައްމަދު އިއުލާނުކުރައްވައިފިއެވެ.
ސީޕީ މިކަން އިއުލާނުކުރެއްވީ ލ. ހިތަދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމަށް ޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، މީއީ ފުލުހުންގެ ތަމްރީނުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސިފަ އަށަގެންނެވުމަށް އިތުރު އެހީއަކަށް ވެގެންދާނެކަމެއް ކަމަށެވެ.
"އިހުތިރާމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައާއި، އެހެން ފަރާތްތަކާއިއެކު ކުރެވޭ މުއާމަލާތްތަކުގައި ވެސް ކޮންމެ ފުލުހަކު ހިފަހައްޓަންޖެހޭ އަސާސީ ސިފައެއް. މި އަސާސް ހަރުދަނާކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ކޯހުން ފެށިގެން، އޮޕަރޭޝަނަލް އަދި ފަންނީ ޚާއްސަ ތަމްރީނުތައް ހިމެނޭހެން، ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމެއްގައި ޚާއްސަ މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް އަޅުގަނޑުމެން ވާނީ ނިންމާފަ."
ސީޕީ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމުގެ އިތުރުން، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސަގާފަތެއް އަށަގަންނުވައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ދިވެހި މުޖުތަމަޢުން ފަނޑުވަމުންދާ އެކަކު އަނެކަކަށް އިޙުތިރާމް ކުރުމުގެ މަތިވެރި އަދި ރިވެތި އާދަ އަލުން ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި، ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ގައުމީ މޝްރޫއު ރަސްމީކޮށް ފަށާފައިވާއިރު، މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމް އަދާކުރުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިގައި އަށަގެންނެވުމެވެ.
ޚާއްޞަކޮށް، ކުރިމަގުގެ ޖީލުތައް ކަމުގައިވާ ޒުވާނުންނާއި ޅަކުދިންގެ ހިތްތަކުގައި މި ރިވެތި އަޚުލާޤީ ސިފަ ބިންވަޅު ނެގުމަކީ މި ކެމްޕޭނުގެ މުހިންމު އެއް އަމާޒެވެ.
މިފަދަ ޤައުމީ ކެމްޕެއިނެއް ފެށުމަށް ސަރުކާރުން އިސްނެންގެވީ ދިވެހިންގެ އަމިއްލަވަންތަކަމާއި އަގުތައް ހިމާޔަތްކޮށް ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުންނެވެ. މިގޮތުން، އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމާ ހަމައަށް ދިވެހިންގެ އަމިއްލަވަންތަކަމުގެ ސިފަތައް ގެއްލެމުން ދިޔަކަން ފާހަގަކުރައްވައި، ރައީސް ވަނީ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން ގިނަގުނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އަދި ރާއްޖޭގެ މުއްސަނދި ތާރީޚު ދިރާސާކޮށް، ސަޤާފީ ކަންކަން ދިރުވުމަށްވެސް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.