ކުޅިވަރު

އެފްއޭއެމް ޒޯން ފުޓްސަލް: މޮޅަކާއެކު ގާފަރާއި މަތިވެރިން ސެންޓްރަލް ޒޯންގެ މެޗުތައް ފަށައިފި

އެފްއޭއެމް ޒޯން ފުޓްސަލް: މޮޅަކާއެކު ގާފަރާއި މަތިވެރިން ސެންޓްރަލް ޒޯންގެ މެޗުތައް ފަށައިފި

ހިންމަފުށީގެ ކުޅުންތެރިއަކަށް މަތިވެރީގެ ކުޅުންތެރިއަކު ހުރަސްއަޅަނީ / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ނޮވެމްބަރު 2026، 03:09

16 ނޮވެމްބަރު 2026، 03:09

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސެންޓްރަލް ޒޯން 1 ގެ ފުރަތަމަ ދުވަހުގެ މެޗުތައް، ކ. ގާފަރާއި އއ. މަތިވެރިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ސެންޓްރަލް ޒޯން 1 ގެ ގްރޫޕް އޭ ގައި ބައްދަލުކުރީ މުބާރާތް ބާއްވާ ހިންމަފުއްޓާއި، އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރިއެވެ. މި މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަތިވެރިއެވެ.

މެޗުގެ ކުރީކޮޅު މަތިވެރިން ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަފުރާޒް އަދި އަޙްމަދު ފިރާޝްއެވެ. ނަމަވެސް، މެޗުގެ 16 ވަނަ މިނެޓުގައި މަތިވެރީގެ އިސްމާޢީލް ނަސީމް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ހިންމަފުށިން މެޗުގެ ތެރެއަށް ވަނެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސީމް ވަނީ ހިންމަފުށީގެ ގޯލަށް ލަނޑެއް ޖަހައި، އަލުން މަތިވެރިއަށް ދެ ލަނޑުގެ ލީޑު ހޯދައިދީފައެވެ.

ދެވަނަ ހާފަށް ހިންމަފުށި ނުކުތީ މެޗުގެ ނަތީޖާ އަނބުރާލުމުގެ އަޒުމުގައެވެ. އެގޮތުން، ދެވަނަ ހާފު ފެށިގެން ދިހަވަނަ މިނެޓުގައި ޢަލީ ސާޖިދު ވަނީ ހިންމަފުއްޓަށް ލަނޑެއް ޖަހައިދީ، ފަރަގު ކުޑަކޮށް އުންމީދު އާކޮށްދީފައެވެ. ވާދަވެރި ކުޅުމަކަށްފަހު މަތިވެރިން މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ އެ ޓީމަށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝަފުރާޒް ކާމިޔާބުކުރި އޭނާގެ ދެވަނަ ލަނޑެވެ.

މި ޒޯނުގެ ގްރޫޕް ބީ ގައި ކުޅުނު މެޗުގައި ގާފަރުން ވަނީ އދ. އަތޮޅުގެ ޗެމްޕިއަން ދަނގެތީގެ މައްޗަށް 1-0 އިން ކުރިހޯދާފައެވެ. ފޯރިގަދަ މި މެޗުގެ ހަމައެކަނި ލަނޑު، މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރީ ގާފަރު ޓީމުގެ ޢަލީ މާއިސްއެވެ.

ނަތީޖާ ހަމަހަމަކުރުމަށް ދަނގެތިން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 36 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން އެ ޓީމުގެ ކީޕަރު އަޙްމަދު މާހިން މުޙައްމަދަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއާއެކު ދަނގެތީގެ މަސައްކަތަށް އިތުރު ހުރަސްތަކެއް އެޅިގެންދިޔައިރު، މެޗު ނިމެންދެން ގާފަރުން ވަނީ އެ ޓީމުގެ ލީޑު ދަމަހައްޓައި ތިން ޕޮއިންޓް ހޯދާފައެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން، ކޮންމެ ޒޯނަކުން ވެސް ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް ރީޖަނަލް ލީގުން ފުރުޞަތު ލިބޭނެއެވެ. ރީޖަނަލް ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ޓީމަކަށް "މޯލްޑިވްސް ފުޓްސަލް ލީގު" އިން ޖާގަ ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450