ޚަބަރު
42 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ލިޓަސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
42 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށް ލިޓަސް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން މައުލޫމާތު ދިންގޮތުގައި 42 ރަށުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށް އެކަމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި ދިމާވެފައިވާ ކުނިގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދައިދިނުން ކަމަށް އެ ވުޒާރާ އިން ބުނެފައިވެއެވެ. އަދި ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުމަކީވެސް މި މަޝްރޫއުގެ މަގްސަދެއް ކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.
The Ministry of Climate Change, Environment and Energy has signed an agreement with Litus Construction Pvt Ltd for the construction of Waste and Resource Management Centres, including the provision of waste management equipment, across 42 islands. https://t.co/UGYbH2C5wJ
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 17, 2026
މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ އެންމެހައި މެޝިނަރީޒާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.