Ads by Farudhun

ޚަބަރު

ރާއްޖެއިން ބެލްޖިއަމަށް ކަނޑައެޅި އާ ސަފީރު ދިޔާނާ، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން ބެލްޖިއަމަށް ކަނޑައެޅި އާ ސަފީރު ދިޔާނާ، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ބެލްޖިއަމަސް ކަނޑައެޅި އާ ސަފީރު ފަތްކޮޅު އެރުވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2026، 10:55

18 ނޮވެމްބަރު 2026، 10:55

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ބެލްޖިއަމަށް ކަނޑައެޅުއްވި އައު ސަފީރު ފާޠިމަތު ދިޔާނާ ސަޢީދު، އެ ގައުމުގެ ރަސްގެފާނު ކިންގް ފިލިޕްއަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.

 މި ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ޝާހީ ގަނޑުވަރު "ޕަލޭ ރޯޔާލް" ގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ރަސްގެފާނާއެކު ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައި، ސަފީރު ދިޔާނާ ވަނީ ބެލްޖިއަމް ސަރުކާރުން އަދާކުރެއްވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރަސްގެފާނަށާއި ބެލްޖިއަމްގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރެއްވިއެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބެލްޖިއަމްގެ ރަސްގެފާނު ކިންގް ފިލިޕް ވަނީ، ސަފީރު ދިޔާނާއަށް މަރުހަބާ ވިދާޅުވެ، ދެ ގައުމުގެ މެދުގައިވާ ދޭދޭ ގުޅުން ދެފަރާތަށް ވެސް ފައިދާހުރި ގޮތެއްގައި އިތުރަށް ހަރުދަނާކުރުމަށްޓަކައި ބެލްޖިއަމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ސަފީރު ދިޔާނާއަކީ ދިވެހި ދައުލަތަށާއި ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެކަމަނާ ވަނީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރުކަމުގެ އިތުރުން ބަންޑާރަނައިބުކަން ވެސް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު ދިޔާނާގެ އަރިހުގައި، ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ ޢާއިޝަތު ޝަހުލާއާއި، ސެކްރެޓަރީ ޙަސަން ނަވާފް ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450