ދުނިޔެ
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޙަމާސްގެ ދާޚިލީ ސަލާމަތާބެހޭ އިސް ވެރިޔަކު ޝަހީދުކޮށްލައިފި
އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޙަމާސްގެ އިސް ވެރިޔަކު ޝަހީދުކޮށްލައިފި - ފޮޓޯ: އަލްޖަޒީރާ
ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ މީހުން ތޮއްޖެހިފައިވާ ސަރަހައްދަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން ނުރައްކާތެރި ވައިގެ ހަމަލާއެއްގައި، ޙަމާސްގެ އިންޓާނަލް ސެކިއުރިޓީ ސާވިސްގެ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ނަޢީމް އަބޫ ނަހުލް ޝަހީދުކޮށްލައި، އިތުރު ބަޔަކު ޒަޚަމްކޮށްލައިފިއެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް އިންޓީރިއާ އެންޑް ނޭޝަނަލް ސެކިއުރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އުމުރުން 50 އަހަރުގެ އަބޫ ނަހުލް ޝަހީދުވެފައިވަނީ އާންމުން އެއްވެ އުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދެއްގެ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ޑްރޯން ބޭނުންކޮށްގެން ސީދާ އޭނާއަށް އަމާޒުކޮށް ދިން ހަމަލާއެއްގައެވެ. އަބޫ ނަހުލްއަކީ މުޅި ޣައްޒާގެ ދާޚިލީ އަމަންއަމާންކަން ބެލެހެއްޓުމުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރައްވަމުން ގެންދެވި މުހިންމު ލީޑަރެކެވެ.
ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ވަގުތީ ފޭލިގެތައް ހުރި ސަރަހައްދަށް ދިން މި ހަމަލާގައި އަންހެނަކު ހިމެނޭ ގޮތަށް އިތުރު ހަތަރު މީހަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވެއެވެ. މި އެންމެންނަށްވެސް މިހާރު ދަނީ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ފަރުވާ ދެމުންނެވެ.
މި ހަމަލާއާ ގުޅިގެން ޙަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ، އިސްރާއީލުގެ ނިރުބަވެރި ޒަޔަނިސްޓުން ހިންގި މި ޖަރީމާއަކީ ޣައްޒާގެ އަމަންއަމާންކަން ނަގާލުމަށް ރާވައިގެން ދިން ލާއިންސާނީ ހަމަލާއެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ފިނޑި އަމަލުތަކުން ފަލަސްތީނު ރައްޔިތުންގެ އަޒުމު ނުގުޑުވޭނެ ކަމަށާއި، ދާޚިލީ ސަލާމަތް ދެމެހެއްޓުމުގެ ގައުމީ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އެ ޖަމާއަތުން ބަޔާންކޮށްފައިވެއެވެ. ޣައްޒާގެ ދާޚިލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ހަމަލާ އިސްރާއީލުން ދީފައިވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޖާސޫސީ ނެޓްވޯކްތަކާ ދެކޮޅަށް ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ދިޔަ ވަގުތެއްގައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއާއި އެ ގައުމުގެ ޖާސޫސީ އިދާރާ "ޝިން ބެޓް" އިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ޙަމާސްގެ އިސްވެރިޔަކަށް ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ ކާކުކަން އެންމެ ފުރަތަމަ ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ފަހުން އިސްރާއީލުގެ ރަސްމީ މީޑިއާ "ކާން" އިން ވަނީ މި ހަމަލާގައި މަރާލެވުނީ އަބޫ ނަހުލްކަން ކަށަވަރުކޮށްދީފައެވެ.
މީގެއިތުރުން، އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި ޣައްޒާގެ މެދުތެރޭގެ އަލް-މަޣްރަގާ ސަރަހައްދަށާއި އެހެނިހެން ސަރަހައްދުތަކަށްވެސް އިސްރާއީލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު، ކުޑަކުއްޖަކާއި ފުލުހުން ހިމެނޭހެން އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ގައި ހަމަލާތައް ހުއްޓުވުމަށް އެކުލަވައިލި "ސުލްހައިގެ އެއްބަސްވުމާ" އިސްރާއީލުން ތަކުރާރުކޮށް ދަނީ ޚިލާފުވަމުންނެވެ. އެގޮތުން އެ އެއްބަސްވުން ގާއިމުކުރި ފަހުންވެސް އިސްރާއީލުގެ ހަމަލާތަކުގައި 1,680 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް، 6,100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މިކަމާ ގުޅިގެން ޙަމާސްއިން ވަނީ އެއްބަސްވުމުގެ ޖާމިނުދާރުންގެ ގޮތުގައި ތިބި ބައިނަލްއަގުވާމީ ފަރާތްތަކުން މި މައްސަލައިގެ ތެރެއަށް ވަގުތުން ވަދެ، އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.