ދުނިޔެ

ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޮޓް ޖައްވަށް ދަތުރުކޮށް ތާރީޚުގެ ތެރެއަށް

ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޮޓް ޖައްވަށް ދަތުރުކޮށް ތާރީޚުގެ ތެރެއަށް

ޕާކިސްތާނުގެ އެސްޓްރޮނޯޓް ޒީޝާން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2026، 04:47

25 ނޮވެމްބަރު 2026، 04:47

ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޮޓް ޖައްވަށް ދަތުރުކޮށް، ޗައިނާގެ ޓިއާންގޮންގް ސްޕޭސް ސްޓޭޝަނަށް އެރި ފުރަތަމަ ބޭރު ގައުމުގެ އެސްޓްރޮނޮޓްގެ ޝަރަފު ހޯދައި ތާރީޚުގެ ތެރެއަށް ވަދެފިއެވެ.

އުމުރުން 40 އަހަރުގެ މުޙައްމަދު ޒީޝާން އަލީ ޗައިނާގެ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން ޗައިނާގައި އުފެއްދި ރޮކެޓެއްގައި ދަތުރުފެށުމަށްފަހު، ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ސްޕޭސް ސްޓޭޝަނާ ގުޅިފައެވެ. ޗައިނާގެ އެސްޓްރޮނޮޓުން އާންމުކޮށް ހަ މަސްދުވަހުގެ މުއްދަތެއް ސްޕޭސް ސްޓޭޝަންގައި ހޭދަކުރި ނަމަވެސް، އަލީ ޖައްވުގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެކެވެ.

ދަތުރު ފެށުމުގެ ކުރިން އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަލީ ބުނީ މިއީ ހަމައެކަނި އޭނާގެ އަމިއްލަ ދަތުރެއް ނޫން ކަމަށާއި، އޭނާ އުފުލަނީ މުޅި ޕާކިސްތާނުގެ ނަން ކަމަށެވެ. މި ދަތުރުގެ ބޮޑުބައެއް ބިނާވެފައިވަނީ ޗައިނާގެ ވަސީލަތްތަކުގެ މައްޗަށް ކަމަށްވީ ނަމަވެސް، އަލީ ވަނީ މި ދަތުރަށް ތައްޔާރުވުމުގެ ގޮތުން ޗައިނާ ބަސް ދަސްކުރުން ހިމެނޭހެން އެތައް މަހެއް ވަންދެން ޗައިނާގައި ތަމްރީނު ހަދާފައެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް 'އެކްސް' ގައި ވިދާޅުވީ، މިއީ ހަމައެކަނި އެންމެ އެސްޓްރޮނޮޓެއްގެ ދަތުރެއް ނޫން ކަމަށާއި، މިއީ 240 މިލިއަން ޕާކިސްތާނު ރައްޔިތުންނާއި، ޒުވާން ޖީލާއި، ސައިންސްވެރިން އަދި އެ ގައުމުގެ ހުވަފެންތަކުގެ ދަތުރު ކަމަށެވެ. އަދި މިއީ ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ހެއްކެއް ކަމަށާއި، މި ތާރީޚީ މިޝަންގެ ބައިވެރިއަކަށް ޕާކިސްތާން ހެދުމުން ޗައިނާއަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، ދެ ގައުމުގެ އެސްޓްރޮނޮޓުން ގުޅިގެން ކުރިއަށްގެންދާ މި މިޝަނަކީ ދެ ގައުމުގެ ދެމެދުގައި އޮތް ފުން އަދި ބަދަހި އެކުވެރިކަން ހާމަކޮށްދޭ ދިރުމެއް ހުރި މިސާލެއް ކަމަށެވެ.

މި ދަތުރަކީ ސިޔާސީ އަދި ޚާރިޖީ ގޮތުން ޗައިނާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ޗައިނާއިން ބޭނުންވަނީ ޓިއާންގޮންގް ސްޕޭސް ސްޓޭޝަނަކީ ހަމައެކަނި އެ ގައުމުގެ ތަނެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ކުރިއަށްގެންދެވޭނެ މަރުކަޒެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށެވެ.

ޖައްވީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޗައިނާގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ހަނދަށް އެސްޓްރޮނޮޓުން ފޮނުވުމެވެ. އަދި ރަޝިއާއާ ގުޅިގެން 2035 ވަނަ އަހަރުގެ ކުރިން ހަނދުގައި ދިރާސާކުރާ މަރުކަޒެއް ގާއިމުކުރުމަށްވެސް ޗައިނާ އިން ރާވާފައިވެއެވެ. މީގެއިތުރުން އެމެރިކާއިން ވެސް ދަނީ 1972 ވަނަ އަހަރުގެ އެޕޯލޯ 17 ގެ ދަތުރަށްފަހު ފުރަތަމަ ފަހަރަށް 2028 ވަނަ އަހަރު އަލުން ހަނދަށް އިންސާނުން ފޮނުވުމަށް ތައްޔާރުވަމުންނެވެ.

ޖައްވީ ހަރަކާތްތަކަކީ ސުލްހަވެރި މަގްސަދުތަކުގައި ހިންގާ ކަންކަން ކަމަށް ޗައިނާ އަދި އެމެރިކާއިން ބުނި ނަމަވެސް، ހަނދުގައިވާ މުއްސަނދި ވަސީލަތްތަކުގެ މައްޗަށް ޗައިނާއިން ބާރުފޯރުވަން މަސައްކަތްކޮށްފާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450