ކުޅިވަރު
މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުން އެކަށީގެންވޭ: ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ އަރލިން ހާލަންޑު--- ފޮޓޯ: ގެޓީ އިމޭޖަސް
ހުލާސާ
ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމާ ގުޅުގެން ކުރިން ވާހަކަ ދެއްކުމުން، އެކަން އެހެން މީހުން ގަބޫލުނުކުރާ ކަމަށާއި، އަދި އެ މުބާރާތަށް ކޮލިފައި ވުމަކީ ކާމިޔާބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށް.
މިއަންނަ ސީޒަނުގައި ޗެމްޕިންސް ލީގު ފުޓުބޯޅައިން މެންޗެސްޓަރ ސިޓީ މަހުރޫމުވުން އެކަށީގެންވާ ކަމަށް، އެ ކުލަބުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޕްރިމިއަރ ލީގެކޭ އެއްގޮތަށް، މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެ ޓީމުން ނެރެމުންދާ ނަތީޖާތައް އެހާ ރަގަޅު ނުވިނަމަވެސް، މިއީ މެދުނުކެނޑި ސިޓީއިން ޗެމްޕިއަންސް ލީގު ކުޅޭތާ 14 ވަނަ އަހަރެވެ.
ސިޓީގެ އިތުރުން، ޖެހިޖެހިގެން ޗެމްޕިއަންސް ލީގަށް ދެން އެންމެ ގިނައިން އިންގްލެންޑުން ކޮލިފައިވެފައި ވަނީ އާސެނަލް އާއި މެންޗެސްޓަރ ޔުނައިޓެޑެވެ. އެގޮތުން 1998 އިން 2017 އަށް އާސެނަލް ކޮލިފައިވިއިރު، ޔުނައިޓެޑް ވަނީ 1996 އިން 2014 ގައި މުބާރާތް މެދުނުކެނޑި ކުޅެފައެވެ.
ގާޑިއޯލާ މިހެން ބުނެފައިވާއިރު، ސިޓީ މިހާރު އޮތީ ލީގުގެ 7 ވަނައިގައެވެ. އަދި 4 ވަނައިގައި އޮތް ނޮޓިންހަމް ޕޮރެސްޓާއި ހަތަރު ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ފަސްވަނައިގައި އޮތް ބޯނެމައުތުއާ އެއް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މިހާރު އިންގްލެންޑް އޮތީ ޔޫއެފާގެ ޔޫރަޕިއަން ޕާރފޯމެންސް ސްޕޮޓްގެ އެންމެ މަތީގައި ކަމުން، އިނގިރޭސި ލީގުގެ ފަސް ޓީމަށް މިއަންނަ ސީޒަނުގައި އެ މުބާރާތުން ފުރުސަތު ލިބޭނެކަމަށް ބެލެވިފައިވާއިރު، ގަދަ ފަސް ޓީމުގެ ތެރޭގައި މިވަގުތު ސިޓީ ނުހިމެނި އޮތުމަކީ، އެ ފުރުސަތު ހޯދުމަކީ ވެސް އެ ކްލަބަށް އޮތް ގޮންޖެހުމަކަށް ވާނެއެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމާ ގުޅުގެން ކުރިން ވާހަކަ ދެއްކުމުން، އެކަން އެހެން މީހުން ގަބޫލުނުކުރާ ކަމަށާއި، އަދި އެ މުބާރާތަށް ކޮލިފައި ވުމަކީ ކާމިޔާބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ ކަމަށެވެ. އެކަމަކު އިންގްލެންޑުގައި ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުމަކީ ވެދާނެ ކަމެއްކަން އޭނާއަށް އެނގޭ ކަމަށާއި، ގިނަ އަހަރުތަކެއް ވަންދެން ކޮލިފައިވާ ޓީމެއް ވިޔަސް، ކޮލިފައިވުމަށް އުނދަގޫ ދުވަސްތަކެއް ކޮންމެ ޓީމަކަށް ވެސް ކުރިމަތިވާ ކަމަށެވެ.
ސިޓީއަށް ދެން އޮތީ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން މިމަހު 29 ގައި ލެސްޓަރ ސިޓީގެ މެޗު އޮތް އިރު، ޖެނުއަރީ 4 ގައި އޮންނާނީ ވެސްޓް ހޭމް މެޗެވެ. މި ހުރިހާ ޓީމަކީ ވެސް ލީގުގެ ފުލުން 7 ޓީމުގެ ތެރޭގައި ހިމެނޭ ޓީމުތައް ކަމުން، ސިޓީގެ ފޯމު ހޯދުމަށް މިއީ ރަގަޅު ދަނޑިވަޅަކަށް ވާނެއެވެ.