ކުޅިވަރު
ގައުމީ ވޮލީ ލީގު: ޑީއެސްސީން ދެވަނަ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށް ލީގުގެ އެއްވަނައަށް

ގައުމީ ވޮލީބޯޅަ ލީގުގައި ވާދަކުރާ ދިވެހި ސިފައިންގެ ކްލަބް
ހުލާސާ
މި ނަތީޖާއާއެކު، ޑީއެސްސީއިން މުބާރާތުގައި މިހާތަނަށް ދެ މެޗުން ހަ ސެޓު ކުޅެފައިވާއިރު، އެ ޓީމަށް އެއްވެސް ސެޓެއް ގެއްލިފައެއް ނުވޭ.
ވޮލީބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ދެވަނަ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗުގައި ބްލޫޒް ފޯރ ވޮލިބޯލް ބަލިކޮށް، ލީގު ދިފާއު ކުރުމުގެ ރޭހުގެ ކުރިއަށް މިވަނީ ޖެހިލާފައެވެ.
މި ނަތީޖާއާއެކު، ޑީއެސްސީއިން މުބާރާތުގައި މިހާތަނަށް ދެ މެޗުން ހަ ސެޓު ކުޅެފައިވާއިރު، އެ ޓީމަށް އެއްވެސް ސެޓެއް ގެއްލިފައެއް ނުވެއެވެ.
ބްލޫޒް ފޯރ ވޮލީބޯލްއާ ދެކޮޅަށް ކުޅުނު މެޗު ފެށުނީއްސުރެން ލީޑުކޮށްފައިވަނީ ޑީއެސްސީއިންނެވެ. ފުރަތަމަ ސެޓު 25-22 ޕޮއިންޓުން ކާމިޔާބު ކުރިއިރު، ބްލޫޒް ފޯރ ވޮލިބޯލްއަށް ސެޓުގެ ނަތީޖާ 11 ޕޮއިންޓާ ހިސާބުން ހަމަހަމަ ކުރެވުނެވެ. ނަމަވެސް ޑީއެސްސީއިން ދުލެއް ނުދިނުމުން، އެ ޓީމަށް ސެޓުގެ އެއްވެސް ހިސާބެއްގައި ލީޑެއް ނެގިފައެއް ނުވެއެވެ.
ދެވަނަ ސެޓުގައި ޑީއެސްސީއިން ފެނުނީ މާވަރުގަދަ ކޮށެވެ. އެގޮތުން މެޗުގެ ބޮޑުބައިގައި އެ ޓީމުން ކުޅެފައިވަނީ 10 ޕޮއިންޓުގެ ލީޑެއްގައެވެ. މި ސެޓު ނިމުނީ 25-14 ޕޮއިންޓުންނެވެ.
މެޗުގެ ފަހު ސެޓުގައި ބްލޫޒް ފޯރ ވޮލީބޯލް އިން އެ ޓީމުގެ ކުޅުން ވަރަށް ރަގަޅުކޮށްފައި ވެއެވެ. އެގޮތުން މެޗުގެ ކުރީ ކޮޅު ރަގަޅު ލީޑެއް ނަގައި، އެ ލީޑު ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް 15 ޕޮއިންޓާ ހިސާބުން، އެ ޓީމުގެ މައްޗަށް ޑީއެސްސީއިން ކުރި ހޯދާ، 25-22 ޕޮއިންޓުން ސެޓު ކާމިޔާބުކުރިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީގެ ހުސެއިން ޝާހިދުއެވެ.
މި ނަތީޖާއާއެކު، ޑީއެސްސީ އޮތީ 6 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. އަދި ހަމަ 6 ޕޮއިންޓާއެކު ކްލަބް އެޗްޑީސީ ދެވަނައިގައި އޮތް އިރު، 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ސްޕޯޓްސް ކްލަބް ސިޓީއެވެ.
މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީއެސްސީ އާއި ލީގުގެ އެންމެ ފުލުގައި އޮތް ޕޮލިސް ކްލަބެވެ. އަދި ދެވަނަ މެޗުގައި ކްލަބް އެޗްޑީސީއިން ނިކުންނާނީ ބްލޫޒް ފޯރ ވޮލީބޯލްއާ ދެކޮޅަށެވެ.