ކުޅިވަރު
ގައުމީ ވޮލީ ލީގު: ވާދަވެރި ޕޮލިސް ކްލަބް ބަލިކޮށް ޑީއެސްސީއިން ތިން ވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ޑީއެސްސީއިން މި މެޗު ކާމޔާބުކުރީ ފަސޭހަކަމާއެކު
ހުލާސާ
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީއަށް ގިނަ ޕޮއިންޓުތަކެއް ހޯދައިދިން ހުސެއިން ރަޒާން. އޭނާ ވަނީ މި މެޗުގައި ގިނަ ޖަމްޕް ސާވިސްތަކެއް ވެސް ކާމިޔާބުކޮށްފައި.
މާލޭގައި މިހާރު ކުރިޔަށްދާ ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އިން ވާދަވެރި ޕޮލިސް ކްލަބް ބަލިކޮށް، ލީގު ތަށި ދިފާއު ކުރުމުގެ ރޭހުގެ އެއްވަނައިގައި ވަރުގަދައަށް ފައިތިލަ ހަމަކޮށްފިއެވެ. މި މެޗު ޑީއެސްސީއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މުބާރާތުގައި އަލަށް ޑީއެސްސީއަށް މި މެޗުގައި ސެޓެއް ގެއްލުނު ނަމަވެސް، އެ ޓީމު ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދީ ވަރަށް ފަސޭހަކަމާއެކުއެވެ.
ފުރަތަމަ ސެޓުގައި ތަފާތު ބޮޑުކޮށް ޑީއެސްސީއިން ލީޑު ދަމަހައްޓަމުން ގޮސް، އެ ސެޓު ކާމިޔާބުކުރީ 25-14 ޕޮއިންޓުންނެވެ.
ދެވަނަ ސެޓުގައި ޕޮލިސް ކްލަބްގެ ކުޅުން ރަގަޅު ކުރިއެވެ. އެގޮތުން ޑީއެސްސީއިން ލީޑެއްގައި ކުރިއަށް ދިޔަ ނަމަވެސް، ޕޮލިސް ކްލަބުން އެ ލީޑު ފުޅާ ކުރިޔަ ނުދީ ހިފެހެއްޓިއެވެ. އަދި 21 ޕޮއިންޓުން ދެ ޓީމު ހަމަހަމަވެފައި ވަނިކޮށް، ޕޮލިސް ކްލަބުން ފުރަތަމަ ފަހަރަށް ސެޓުގައި ލީޑު ނަގައި، 22-25 ޕޮއިންޓުން ސެޓު ކާމިޔާބު ކުރިއެވެ. އެއީ މިހާތަނަށް ޑީއެސްސީއަށް މި މުބާރާތުގައި ގެއްލުނު ހަމައެކަނި ސެޓެވެ.
ނަމަވެސް މެޗުގެ ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓު ފަސޭހަކަމާއެކު ޑީއެސްސީއިން ކާމިޔާބު ކުރިއެވެ. އެގޮތުން ތިން ވަނަ ސެޓު 25-13 ޕޮއިންޓުން ކާމިޔާބު ކުރިއިރު، ފަހު ސެޓު ކާމިޔާބުކުރީ 25-12 ޕޮއިންޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީއަށް ގިނަ ޕޮއިންޓުތަކެއް ހޯދައިދިން، އެ ޓީމުގެ ޖާޒީ ނަންބަރު 10، ހުސެއިން ރަޒާންއެވެ. އޭނާ ވަނީ މި މެޗުގައި ގިނަ ޖަމްޕް ސާވިސްތަކެއް ވެސް ކާމިޔާބުކޮށްފައެވެ.