ކުޅިވަރު
ގައުމީ ވޮލީ ލީގު: ތިން ވަނަ މެޗު ކާމިޔާބުކޮށް، އެޗްޑީސީއިން ގަދަ ހިފުމަކަށް ތައްޔާރުވެއްޖެ

އެޗްޑީސީއިން ސްޕޯޓްސް ކްލަބް ސިޓީއާ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ
ހުލާސާ
މިރޭ އެޗްޑީސީ އާއި ޑީއެސްސީ ބައްދަލުކުރާ މެޗަކީ ލީގު ތަށި ކާމިޔާބު ކުރާނެ ޓީމެއް ކަނޑައެޅިގެން ދާނެ މެޗުކަމުން، މިއީ މި މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވެގެން ދާނެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ވީއޭއެމް)ގެ ގައުމީ ވޮލީބޯޅަ ލީގުގައި ކްލަބް އެޗްޑީސީ އާއި ބްލޫޒް ފޯރ ވޮލީބޯލް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، އެޗްޑީސީއިން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އާ ދެކޮޅަށް ގަދަހިފުމަކަށް ތައްޔާރުވެއްޖެއެވެ.
ކުރިން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ ކްލަބް އެޗްޑީސީއިން ބްލޫޒް ފޯރ ވޮލީބޯލް މެޗު ކާމިޔާބު ކުރުމުން، ލީގު ލިބޭނެ ޓީމެއް ކަނޑައެޅިގެން ދާނީ އެ ޓީމާއި، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޑީއެސްސީ ބައްދަލު ކުރާ މެޗުންނެވެ. އެ މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މިރޭ 20:30 ގައެވެ.
ބުދަ ދުވަހުގެރޭ ބްލޫޒް ފޯރ ވޮލީބޯލްއާ ބައްދަލު ކުރި މެޗުގައި އެޗްޑީސީއަށް އުނދަގުލުން ކާމިޔާބު ކުރެވުނީ ފުރަތަމަ ސެޓު އެކަންޏެވެ. އެ ސެޓުގައި ބްލޫޒް ފޯރ ވޮލީބޯލްއިން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. އެ ސެޓު ވާދަވެރިކޮށް ގޮސް، އެޗްޑީސީއިން ކާމިޔާބު ކުރީ 25-23 ޕޮއިންޓުންނެވެ.
އަދި މެޗުގެ ދެވަނަ ސެޓު 25-15 ޕޮއިންޓުން ފަސޭހަކަމާއެކު ކާމިޔާބު ކުރިއިރު، ފަހު ސެޓު ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ މުބައްޝަރުއެވެ.
މިރޭ އެޗްޑީސީ އާއި ޑީއެސްސީ ބައްދަލުކުރާ މެޗަކީ ލީގު ތަށި ކާމިޔާބު ކުރާނެ ޓީމެއް ކަނޑައެޅިގެން ދާނެ މެޗުކަމުން، މިއީ މި މުބާރާތުގައި ކުޅޭނެ އެންމެ ފޯރިގަދަ މެޗަށް ވެގެން ދާނެއެވެ.
ފަހު މެޗާ ހަމައަށް އައިއިރު އެޗްޑީސީ އަދި ޑީއެސްސީ ވެސް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
އެޗްޑީސީއިން ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކުރިއިރު، ދެވަނަ މެޗު 3-0 ސެޓުން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން ބުދަދުވަހު ކުޅުނު މެޗުގައި ބްލޫޒް ފޯރ ވޮލީބޯލް ބަލިކޮށްފައި މިވަނީ 3-0 ސެޓުންނެވެ.
އަނެއްކޮޅުން ޑީއެސްސީއިން އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ 3-0 އިން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްގެނެވެ. އަދި ދެވަނަ މެޗު ވެސް ސީދާ ތިން ސެޓުން ބްލޫޒް ފޯރ ވޮލީބޯލްއާ ދެކޮޅަށް ކުޅެ ކާމިޔާބު ކުރިއިރު، ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކުރީ 3-1 ސެޓުންނެވެ.