ކުޅިވަރު
ސިފައިން ބަލިކޮށް އެޗްޑީސީއިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

އެޗްޑީސީއިން ގައުމީ ވޮލީބޯލް ލީގުގެ ތަށި އުފުލާލަނީ: ފޮޓޯ: ޕީއެސްއެމް ނިއުސް
ހުލާސާ
މި މުބާރާތް އެޗްޑީސީއިން ކާމިޔާބުކުރީ، ލީގުގެ ފަހު މެޗުގައި ޑީއެސްސީ އިން ސެޓެއް ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރާ 3-1 ސެޓުން އެ ޓީމު ބަލިކޮށްގެން.
ގައުމީ ވޮލީބޯލް ލީގުގެ ޗެމްޕިއަންކަން، މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބަލިކުރުމަށްފަހު ކްލަބް އެޗްޑީސީއިން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިޔަށްދިޔަ މި މުބާރާތް އެޗްޑީސީއިން ކާމިޔާބުކުރީ، ލީގުގެ ފަހު މެޗުގައި ޑީއެސްސީ އިން ސެޓެއް ކާމިޔާބުކޮށްފައި ވަނިކޮށް، ފަހަތުން އަރާ 3-1 ސެޓުން އެ ޓީމު ބަލިކޮށްގެނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު ޑީއެސްސީއިން ކާމިޔާބުކުރީ 25-21 އިންނެވެ. އެއާއެކު، އެޗްޑީސީއިން އެ ޓީމުގެ ފޯކަސް އިތުރަށް ރަގަޅުކޮށް، ބްލޮކްތައް ވަރުގަދަ ކުރިއެވެ. ނަތީޖާއަކަށްވީ ޑީއެސްސީގެ ކޮންފިޑެންސް ދަށްވެ، އެޗްޑީސީއަށް މެޗުގެ ފަހު ތިން ސެޓު ކާމިޔާބު ކުރުމަށް މަގުފަހިވެގެން ދިއުމެވެ.
އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)ގެ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި ސެޓު އެޗްޑީސީއިން ކާމިޔާބުކުރީ 19-25، 21-25 އަދި 14-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެސް އެޗްޑީސީގެ ކުޑަ ކާއްޓޭއެވެ.
މި ނަތީޖާއާއެކު އެޗްޑީސީއިން ގައުމީ ލީގު މި ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އަދި އެ ޓީމަށް މުބާރާތުގައި ގެއްލިފައިވަނީ ޖުމްލަ ދެ ސެޓެވެ.
ލީގުގެ ދެވަނަ ޑީއެސްސީއަށް ލިބުނީ ނުވަ ޕޮއިންޓާއެކުއެވެ. އެ ޓީމު ބަލިވެފައިވަނީ ފަހު މެޗުން އެކަންޏެވެ. ލީގުގެ ތިން ވަނަ ފަސް ޕޮއިންޓާއެކު ލިބުނީ ސްޕޯޓްސް ކްލަބް ސިޓީއަށެވެ. އަދި ހަތަރުވަނައިގައި އޮތް ބްލޫސް ފޯރ ވޮލީބޯލް އާއި ފުލުގައި އޮތް ޕޮލިސް ކުލަބަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މިއާއެކު، އަންނަ އާދީއްތަ ދުވަހު ފަށާ ގައުމީ މުބާރާތުން ފުރުސަތު ގެއްލުނީ ފުލުގައި އޮތް ޕޮލިސް ކްލަބަށެވެ. އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.

މުބާރާތުގެ މަގާމުތަކަށް ހޮވުނު ކުޅުންތެރިން
ގައުމީ ވޮލީބޯލް ލީގު 2024 ގެ މަގާމުތަކަށް ހޮވިފައިވާ ކުޅުންތެރިން:
- އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާދަމް ނަސީމް (ޑީއެސްސީ)
- އެންމެ މޮޅު މިޑްލް ބްލޮކަރ: މުޙައްމަދު އަހުސަން (އެޗްޑީސީ) އަދި އާދަމް ފައިރޫޒް (އެޗްޑީސީ)
- އެންމެ މޮޅު ސެޓަރު: އަލީ ނިމާލް (އެޗްޑީސީ)
- އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔާ: ހުސައިން ރަޒާން (ޑީއެސްސީ)
- ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ: ހުސައިން ރަޒާން (ޑީއެސްސީ)
- އެންމެ މޮޅު ލިބަރޯ: މުޙައްމަދު މިމްރާހް ހަސަން (ޑީއެސްސީ)
- އެންމެ އުންމީދީ ކުޅުންތެރިޔާ: ޔައީޝް ރިއްފަތު (ބްލޫސް ފޯރ ވޮލީބޯލް)
- މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުބައްޝަރް ރަޒާ – ޕާކިސްތާން (އެޗްޑީސީ)
- އެންމެ މޮޅު ކޯޗު: ހުސެއިން ޝަރީފް (އެޗްޑީސީ)
މެޗަށްފަހު ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އެޗްޑީސީގެ ކޯޗު، ހުސެއިން ޝަރީފް ބުނީ، އެ ޓީމުގެ ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންނާއި މުޅި ޓީމުގައި އޮތް އެކުވެރިކަން ކަމަށެވެ.