ޚަބަރު
ބޭސް ވިއްކުމުގައި ބޮޑު އަގުގައި ފައިދާ ނެގުން ހުއްޓުވުމަށް ރައީސްގެ ޚާއްޞަ ފިޔަވަޅު ތަކެއް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު- ފޮޓޯ: ރައީސް އޮފީސް
ފަރުދުން
11 ސެޕްޓެމްބަރު 2024، 10:10
11 ސެޕްޓެމްބަރު 2024، 10:10
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ ބޮޑު ޢަދަދެއްގެ ފައިދާއަކާއެކުކަމަށާއި، ބޭސް ވިއްކުމުގައި ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށާއި، ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި ކަމަށެވެ. ރައީސް ވިދާޅުވީ މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެކަމަށެވެ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި…
— Dr Mohamed Muizzu (@MMuizzu) September 11, 2024
ރައީސްގެ މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އެކަމަށް ދަނީ ތަޢުރީފު ކުރަމުންނެވެ. ރައީސްގެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ މިއީ ރާއްޖޭގައި މިހާރު އޮތް "މެޑިކަލް މާފިޔާ" ހުއްޓުމަކަށް ގެންނަވާނެ ރައީސްކަން ޔަގީން ކޮށްފައެވެ.
ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަގުބޮޑުކޮށް ބޭހުގެ ވިޔަފާރި ކުރަމުންދާ މައްސަލައަށް ޙައްލެއް ގެނެސް ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަކަމެއް ގެނެސްދެއްވުމަކީ ރައީސްގެ ޢަމާޒެކެވެ. ފެންވަރު ރަނގަޅު ބޭސް ގެނައުމުގެ ނިޒާމުގެ ތެރެއިން ގެންނަނީ ޔޫރަޕްގެ ޤައުމުތަކުގައި ބޭނުންކުރުމަށް އެ ޤައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތަކެވެ. މި ބޭސްތައް ރާއްޖެއަށް ގެންނަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.