ދުނިޔެ

އުތުރު ކޮރެޔާގެ ދެ ސިފައިން އަތުލައިގެންފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި

އުތުރު ކޮރެޔާގެ ދެ ސިފައިން އަތުލައިގެންފައިވާ ކަމަށް ޔޫކްރެއިނުން ބުނެފި

ކޮރެޔާ ސިފައިން ބަހައްޓާފައި ހުރި ކޮޓަރީގެ ފޮޓޯ؛ އެކްސް

12 ޖެނުއަރީ 2025، 04:24

ރަޝިއާގެ ކްރޫސް ސަރަހައްދުގައި ހަރަކާތްތެރި ވަމުންދަނިކޮށް ފެނިފައިވާ އުތުރު ކޮރެޔާގެ ދެ ސިފައިން ހައްޔަރު ކޮށްފައިވާކަމަށް ޔޫކްރެއިނުން ހާމަކޮށްފިއެވެ. 

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގެ ތެރޭގައި، ޔޫކްރެއިންގެ ސިފައިން، ސަރަހައްދީ ރޮނގު ހުރަސްކޮށް، ކްރުސްކަށް އަރައިގަނެފައިވަނީ، މިދިޔަ އޮގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ. ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ، މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން އުތުރު ކޮރެޔާގެ ސިފައިން ކްރޫސް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ތުހުމަތު ކޮށްފައެވެ. ހަމައެހެންމެ އުތުރު ކޮރެޔާގެ 10،000 އަށްވުރެ ގިނަ ސިފައިން ރަޝިޔާގެ އަސްކަރިއްޔާގައި ބައިވެރިވާ ކަމަށާއި، އުތުރު ކޮރެޔާގެ ފަރާތުން ހަނގުރާމައިގެ ހަތިޔާރު ފޯރުކޮށްދިނުން ފަދަ އެތައް އެހީތަކެއް ރަޝިޔާއަށް ލިބެމުންދާކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވެއެވެ. 



މި މައްސަލަޔާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، ހިފަހައްޓާފައިވާ ދެ ސިފައިން ވަނީ ޔޫކްރެއިންގެ ވެރި ރަށަށް ގެންގޮސްފައިވާ ކަމަށާއި، ސެކިއުރިޓީ ސާރވިސް އޮފް ޔޫކްރެއިނުން އެ ދެމީހުންނާ މުހާތަބުކުރަމުން ދާކަމަށެވެ. ހަނގުރާމައިގެ އެހެނިހެން އަސީރުންނާ ތަފާތު ކުރުމެއް ނެތި، މި ދެ ސިފައިންނަށް ވެސް ސިއްހީ ފަރުވާ ދެވެމުން ދާކަމަށާއި، އެމީހުންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ނޫސްވެރިންނަށް ފޮރުކޮށްދެވޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެސްބީޔޫއިން ބުނީ އަތުލައިގެން ދެ ސިފައިނާ ސުވާލު ކުރިމަތިކުރުވަމުން ގެންދާކަމަށެވެ. މި ދެ ސިފައިންނަށް ޔޫކްރެއިން ބަހާއި، ރަޝިޔާ ބަހާއި، އިނގިރޭސި ބަސް ވެސް ނޭނގޭތީ، އެ މީހުންނާ ކޮރިއާ ބަހުން މުއާމަލާތު ކުރުމަށް، ދެކުނު ކޮރެޔާގެ އެންއައިއެސް ޖާސޫސީ އިދާރާގެ އެހީތެރިކަން ހޯދަމުން ގެންދާކަމަށް ވެސް އެސްބީޔޫގެ ފަރާތުން މައުލޫމާތުލިބެއެވެ. 

އެ ދެ ސިފައިންގެ ތެރެއިން އެކަކު އަތުން، ރަޝިޔާގެ އަސްކަރިއްޔާގެ ލިޔުމެއް ފެނިފައިވާކަމަށް އެސްބީޔޫއިން ހާމަކުރެއެވެ. ތަހުގީގަށް މިހާރު އެނގިފައިވާ ގޮތުގައި މި ދެސިފައިން އުފަންވެފައި ވަނީ، 1999 ވަނަ އަހަރާއި 2005 ވަނަ އަހަރުއެވެ. މި ދެމީހުން އުތުރު ކޮރިއާގެ އަސްކަރިއްޔާއާ ގުޅިފައި ވަނީ 2016 ވަނަ އަހަރާއި 2021 ވަނަ އަހަރެވެ. 

އެސްބީޔޫއިން ބުނީ އަސީރުން ހައްޔަރު ކޮށްފައި ތިބީ ބައިނަލްއަޤްވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ ހާލަތެއްގައި ކަމަށެވެ. އެމީހުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން