ޚަބަރު
ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދިން މީހަކު ހުއްޓުވި އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާދީފި

އަންގާރަދުވަހު ވައްކަން ކުރަން އުޅުނީ އެމްޕީއެލް ޓަވަރުތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައި ހުރި ޓްރާންފޯމަރަކުން / ފޮޓޯ: އިންޓަނެޓް
ހުލާސާ
ސްޓެލްކޯގެ މުވައްޒަފަށް ދިން އަނިޔާގެ ސަބަބުން އޭނާގެ ބޮލާއި އަނގަމަތިފަޅައިގެން ދިޔަ.
އެ ތަނުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް އެޗްޑީސީއާ ގުޅިގެން ކުރިޔަށް އެބަގެންދޭ.
ހުޅުމާލޭ ފޭސް-2 ގައި ހުރި ޓްރާންފޯމަރަކަށް ގެއްލުންދީ، އެ ތަނުން ވައްކަންކުރަން އުޅުނު މީހަކު ހުއްޓުވުމަށް މަސައްކަތްކުރި އެ ކުންފުނީގެ މުވައްޒަފަކަށް ރެކްޗަކުން ހަމަލާދީފިއެވެ.
އަންގާރަދުވަހުގެރޭ ހިނގި މި ހާދިސާގައި، ސްޓެލްކޯގެ މުވައްޒަފުން ޓްރާންފޯމަރު ހުންނަ ސަރަޙައްދަށް ދިޔައީ، އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ކެނޑިގެން އެ މައްސަލަ ޙައްލު ކުރުމަށެވެ. އަދި އެ ވަގުތު ޓްރާންފޯމަރުން ވައްކަންކުރަން އުޅުނު ދެ މީހަކު ފެނުނުކަމަށާއި، އެ މީހުން ހުއްޓުވަން އުޅުމުގެ ތެރޭގައި އެތަނުން އެކެއްގެ އަތުގައި އޮތް ރެންޗަކުން ޖަހައި ސްޓެލްކޯގެ މުވައްޒަފަށް އަނިޔާދިނީކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯގެ މުވައްޒަފަށް ދިން އަނިޔާގެ ސަބަބުން އޭނާގެ ބޮލާއި އަނގަމަތިފަޅައިގެން ދިޔައެވެ. އަދި މި އަނިޔާތަކަށް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދީފައިވެއެވެ.

Stelco staff was attacked by the thief
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަ ޙުސެއިން ފަޙުމީ ވިދާޅުވީ، ވައްކަންކުރަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ހުއްޓުވިކަމަށާއި އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.
ފަޙުމީ ހާމަކުރައްވާފައިވާ ގޮތުގައި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތާ މިހާރު ޖެހިޖެހިގެން ހަތަރު ދުވަސް ވެއްޖެކަމަށާއި މި މައްސަލަ ވަނީ ހައްދުން ނައްޓައިފަކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުންނަށް ލިބޭ އުނދަަގުލާއި އުފުލަންޖެހޭ ތަކުލީފު ބޮޑުކަމަށް ވިދާޅުވެ ފަޙުމީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފަޙުމީ އިތުރަށް ހިއްސާކުރައްވާފައިވާ ގޮތުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކަކީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްނޫން ކަމުން، އެ ތަންތަނުގައި ސީސީޓީވީ ނެތް ކަމަށެވެ. އެހެންކަމުން، އެޗްޑީސީއާ ގުޅިގެން އެ ތަނުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޓްރާންފޯމަރުތަކުން ވައްކަން ކުރުމުގެ މައްސަލަތައް ބޮޑުވެފައިވާއިރު، ވައްކަން ކުރަން އުޅުމުގެ ތެރޭގައި ޓްރާންފޯމަރަކުން ކަރަންޓުގައި ޖެހުނު މީހަކު މިދިޔަ އަހަރު މަރުވެފައި ވެސް ވެއެވެ.